ޝްރަދާ ބެވަރެޖް ބްރޭންޑަކަށް އިންވެސްޓްކޮށްފި
ޝްރަދާ ބެވަރެޖް ބްރޭންޑަކަށް އިންވެސްޓްކޮށްފި

އެކި ވިޔަފާރިތަކަށް އިންވެސްޓްކުރާ ބޮލީވުޑްގެ ބަތަލާއިން އިތުރުވަމުން އަންނަ އިރު ޒުވާން ބަތަލާ ޝްރަދާ ކަޕޫރް ވެސް އިންޑިއާގެ މަޝްހޫރު ބްރޭންޑަކަށް އިންވެސްޓްކޮށްފި އެވެ.

އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު އިންވެސްޓްކުރީ ބެވެރެޖް ބްރޭންޑެއް ކަމަށްވާ "ޝޫނިއާ" އަށެވެ. އެ ވާހަކަ ޝްރަދާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. "ޝޫނިއާ" އަކީ އެނަޖީ ޑްރިންސްކް ބްރޭންޑެކެވެ.

ޝްރަދާ ބުނި ގޮތުގައި މިހާތަނަށް ވަރަށް ގިނަ ބްރޭންޑްތަކެއްގެ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައި ވިޔަސް ބްރޭންޑަކަށް އަމިއްލަ އަށް އިންވެސްޓްކުރުމަކީ އަދި މުޅިން ތަފާތު ތަޖުރިބާއެކެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުނީ "ޝޫނިއާ" އަށް އިންވެސްޓްކުރަން ނިންމި އެ ބުއިމަކީ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމަކަށްވެފައި އާންމުންގެ ފަރާތުން ބޮޑު މަގުބޫލުކަމެއް ވެސް ލިބެމުން އަންނާތީ އެވެ.

"އަހަންނާ ވެސް ވަރަށް ކަމުދާ ބްރޭންޑަކަށް ޝޫނިއާ ވަނީ. ސަބަބަކީ މިއީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭނެ އެއްޗަކަށްވާތީ. އެހެންވެ ޕާޓްނާޝިޕެއްގެ ހަދައިގެން ބްރޭންޑަކަށް މުޅިން އަލަށް އިންވެސްޓްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" އޭނާ ބުންޏެވެ.

"ޝޫނިއާ" އަކީ ފަތްޕިލާވެލީގެ ތާސީރުން ތައްޔާރުކުރާ ބުއިމެކެވެ. ޝޫނިއާގެ ސީއީއޯ އަކީ ސިދޭޝް ޝަރުމާ އެވެ.

"އާޝިގީ 2" އާއި "އޭކް ވިލަން" އަދި "ޗިޗޯރޭ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝްރަދާ އަކީ ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ ހުނަރުވެރި ޒުވާން ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ސްޓްރީޓް ޑާންސާ" އިންނެވެ.