10 ފެބުރުއަރީ 2021 - 10:55

މިއަހަރު ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު މިއީ އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހެވެ. އެހެންކަމުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ފޯމު ހުށަހެޅުމަށް ދިރާގުން ވަނީ އެދިފަ އެވެ.
މިއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު މި ޕްރޮގްރާމް މެދުވެރިކޮށް ލިބޭނެ އެވެ. އެގޮތުން، ދިރާގުގެ މާކެޓިން އާއި ސޭލްސް އަދި ހިއުމަން ރިސޯސަސް އާއި ފައިނޭންސް އާއި ނެޓްވޯކްސް އާއި ބިޒްނަސް ސޮލިއުޝަންސް އާއި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުގެ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 18-30 އަހަރުގެ މީހުންނަށެވެ. މީގެ ތެރެއިން އޭލެވެލް ނިންމައިފައިވާ ވަޒީފާގެ ތަޖުރިބާ ނުލިބޭ މީހުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮގްރާމު މާލޭގެ އިތުރުން އައްޑޫ އާއި ތިނަދު އާއި އޭދަފުށީގައި ގާއިމްކޮށްގައިވާ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް ކުރިއަށްދާނެ އެވެ. އެހެންކަމުން އެ ރަށްރަށުގެ މީހުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުން ބުނީ ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާ އަދި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުން އަންނަކަމަށެވެ. އެގޮތުން، އައިޓީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އައިޓީ ދާއިރާއިން ސްޕެޝަލައިޒް ވާން ބޭނުންވާ މީހުންނަށް ސެޓިފައިޑް ޓްރޭނިން ދީ ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.