ޝީރީންގެ މަރުގެ މައްސަލައިގައި ހެއްކަކު ސުޕްރީމް ކޯޓަށް: "ޝީރީން ގެއްލުނު ރޭ އަޑެއް އިވުނު"
ޝީރީންގެ މަރުގެ މައްސަލައިގައި ހެއްކަކު ސުޕްރީމް ކޯޓަށް: "ޝީރީން ގެއްލުނު ރޭ އަޑެއް އިވުނު"

ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ޖަލަށްލާފައިވާއިރު، އެ ދެ މީހުންނާ އެކު އެއް ގެއެއްގައި އުޅުނު މީހަކު ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް، މިއަދު ސުވާލުކޮށްފި އެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި ހެއްކަކު ސުޕްރީމް ކޯޓަށް: "ޝީރީން ގެއްލުނު ރޭ އަޑެއް އިވުނު"
ޝީރީންގެ މަރުގެ މައްސަލައިގައި ހެއްކަކު ސުޕްރީމް ކޯޓަށް: "ޝީރީން ގެއްލުނު ރޭ އަޑެއް އިވުނު"

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިން ޝީރީންގެ ހަށިގަނޑު ޖެނުއަރީ، 2010 ގައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ދައުލަތުން ތުހުމަތު ކުރަނީ ޝީރީނާއި ނަޖާހު މާލޭގައި އެކުގައި އުޅުނު ކޮޓަރި ތެރޭގައި ޝީރީނަށް ހަމަލާދީ، މަރައިލުމަށް ފަހު ފޮށްޓަކަށް ލައިގެން ގެންގޮސް އެ ތަނަށް ޝީރީނުގެ ހަށިގަނޑު އެއްލައިލީ ނަޖާހު ކަމަށެވެ. ތަހުގީގުގެ މަރުހަލާގައި ހަނު ހުއްޓަސް، ކޯޓުގައި ނަޖާހު އެ ކަމަށް އިންކާރު ކުރެ އެވެ.

ނަޖާހުގެ މައްޗަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވެ، ދަށު ކޯޓުން އޭނާ ސަލާމަތް ވެފައި ވަނިކޮށް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 12 އަހަރަށް ޖަލަށްލާން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ އަހަރު ހުކުމްކުރި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ނަޖާހުގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދުގެ އަޑުއެހުމުގައި ހާޒިރުކުރީ ޝީރީނާއި ނަޖާހު މާލޭގައި އުޅުނު ގޭގެ އެހެން ކޮޓަރިއެއްގައި ދިރިއުޅުނު ކުރީގެ ފެހުންތެރިޔާ މިރުފަތު ހަނީފެވެ. އޭނާ ހާޒިރުކުރީ ދަށު ކޯޓުގައި އޭނާ ދީފައިވާ ހެކިބަހާ ގުޅޭގޮތުން އިތުރަށް ސުވާލު ކުރުމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިހާރު އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މިރުފަތު ބުނީ ޝީރީނު ގެއްލުނު ދުވަހުގެ ރޭ ޝީރީނު އުޅުނު ކޮޓަރީގެ ދޮރު ކުޑަކޮށް އޭނާ ހުޅުވައިލިއިރު، ޝީރީނު އެނދުގައި އޮށޯވެގެން އޮތް ކަމަށާއި އޭރު ޝީރީނު އޮތީ ކޮޮޓަރީގެ ފާރާވީ ފަރާތަށް އެނބުރިގެން ކަމަށެވެ. އޭރު ނަޖާހު ވެސް އެ ކޮޓަރީގައި ހުރި ކަމަށާއި ޝީރީނު އެހާ އަވަހަށް ނިދީ ކީއްވެތޯ ނަޖާހުއާ ސުވާލު ކުރުމުން އޭނާ (އެކަށީގެން ނުވާ ވާހަކަ އަކަށް ވާތީ އުނިކޮށްފަައި) ނިދާފައި އޮތީ ކަމަށް ނަޖާހު ބުނި ކަމަށް މިރުފަތު ބުންޏެވެ.

އެ ކޮޓަރީގެ ދޮރު ހުޅުވީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން މިރުފަތު ބުނީ އެއީ ޝީރީނަކީ އާންމުކޮށް ކޮޓަރިން ބޭރަށް ނުކުންނަ މީހަކަށް ވެފައި، އެ ދުވަހު އޭނާގެ ޚަބަރެއް ނުވުމުން ކަމަށެވެ. އޭގެ ފަހުން މިރުފަތު ނިދަން ވެގެން އޭނާގެ ކޮޓަރި އަށް ވަތްއިރު ނަޖާހު ވެސް ފެން ފުޅިއެއް ހިފައިގެން ޝީރީން އޮތް ކޮޓަރިއަށް ވަން ކަމަށް މިރުފަތު ބުންޏެވެ.

މިރުފަތު ބުނިގޮތުގައި އޭނާ ނިދާފައި އޮއްވައި އެރޭ ދަންވަރު ގޭތެރެއިން އަޑެއް އިވިގެން ހޭލެވުނެވެ. އެއީ ކޮން އަޑެއްތޯ ބެލުމަށް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ނަޖާހު ވެސް އޭނާ އުޅުނު ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައިގެން ހުއްޓެވެ. އެއީ ކޮން އަޑެއްތޯ ސުވާލު ކުރުމުން ނޭނގޭ ކަމަށް ނަޖާހު ބުނި ކަމަށް މިރުފަތު ބުންޏެވެ.

"އެއްޗެއް ތަޅައިގެން ދިޔަ އަޑަކާ ވައްތަރީ. އިތުރު އަޑެއް އަޅުގަނޑަކަށް ފާހަގައެއް ނުވޭ،" އިވުނީ ކޮން އަޑެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން މިރުފަތު ބުންޏެވެ.

އޭނާ ބުނީ ޝީރީނު އެ ގޭގައި އުޅެނިކޮށް، ނަޖާހު އެ ގެއަށް ބަދަލުވީ ޝީރީން ގެއްލުމުގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށާއި އެ ދެ މީހުންގެ ދެމެދުގައި ހަމަނުޖެހުންތައް އޮންނަ ކަން ފާހަގަވާ ކަމަށެވެ. ޝީރީނު ގެއްލުނު ދުވަހުގެ ހަވީރު ވެސް، ޝީރީނާ ބެހޭގޮތުން ނަޖާހު އޭނާއާ ސުވާލުކުރި ކަމަށް މިރުފަތު ބުންޏެވެ. އެކަމަކު ޝީރީނު އޭނާގެ އުފަން ރަށް ކަމަށްވާ ލ. އަތޮޅުގައި އުޅުމަށް ފަހު މާލެ ބަދަލުވި ސަބަބު ނޭނގޭ ކަމަށް މިރުފަތު ކޯޓުގައި ބުނެ އެވެ.

މާފުށީ ޖަލުގައި ހުރެގެން އޮންލައިންކޮށް އެ ޝަރީއަތުގައި ބައިވެރިވި ނަޖާހު އަށް ސުވާލު ކުރަން ފުރުސަތު ދިނުމުން އޭނާ ބުނީ ސުވާލެއް ނެތް ކަމަށެވެ.

މިއަދު ދެން ކުރިއަށް ދިޔައީ ދައުލަތާ އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދިނުމާއި ދެ ފަރާތުގެ ވަކީލުން ވާހަކަ ދެއްކުމުގެ ބަ އެވެ. ގާނޫނީ ނައްސަކާ ހަވާލާ ނުދީ ނަޖާހުގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ކޮށްފައިވާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ދައުލަތުން ބުނީ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން މަރުގެ މައްސަލަތަކުގައި ގާނޫނީ މާއްދާއަކާ ހަވާލާ ނުދީ ދައުވާ ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

އިސްތިއުނާފުގެ މަރުހަލާގައި ދައުވާގެ ސިފަ ބަދަލު ކުރެވިދާނެތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެގޮތަށް ބައެއް ގައުމުތަކުގައި އަމަލުކުރާ ކަމަށެވެ. އިސްލާމީ އުސޫލުތަކުން ބަލާއިރު ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށާއި އެގޮތުން މަރަށް މަރު ހިފޭ މިންވަރަށް ކުށް ސާބިތުނުވާ ހާލަތުގައި ގާނޫނީ އަދަބެއް ދެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ. އަސްލު ކުށް ކުރިކަން ސާބިތު ނުވިޔަސް، ކުށް ކުރުމުގައި ބައިވެރިވިކަން ސާބިތުވާ ނަމަ އަދަބު ދެވިދާނެ ކަމަށް އިސްލާމީ ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށް ދައުލަތުން ބުންޏެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އެކަން އޮންނަނީ ކިހިނެތްތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އިސްތިއުނާފު މަރުހަލާގައި ދައުވާގެ ސިފަ އޭގެ ކުރިން ބަދަލު ކޮށްފައި ނެތް ކަމަށެވެ. އެކަމަކު ދަށު ކޯޓުތަކުން ދައުވާގެ ސިފަ ބަދަލު ގެނެސްފައި ހުރި ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ނަޖާހުގެ ވަކީލު އަހުމަދު ޒަނީން ވިދާޅުވީ އިސްތިއުނާފުގެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް އެދުނީ ގަސްދު މަރެއް ސާބިތު ކުރުމަށް ކަމަށާއި އެކަން ސާބިތުނުވީ ކަމަށެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ދައުވާގެ ސިފަ އަށް ބަދަލު ގެނެވޭނީ ދަށު ކޯޓުތަކަށް އެކަނި ކަމަށާއި ހައި ކޯޓަށް ދައުވާގެ ސިފަ ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ނަޖާހުގެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު، ދައުވާގެ ސިފަ ބަދަލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

ފަސް ފަނޑިޔާރުންގެ ބެންޗުން ބަލާ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މަހެއްހާ ދުވަސް ފަހުން ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.