10 ފެބުރުއަރީ 2021 - 08:59

މެޑްރިޑް (ފެބްރުއަރީ 10) - ސްޕެނިޝް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ގެޓަފޭ 2-0 އިން ބަލިކޮށް، ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ.
އެތުލެޓިކޯ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. ރޭ ރެއާލުން ހޯދި މޮޅާ އެކު އެ ޓީމުން ވަނީ 22 މެޗުން 46 ޕޮއިންޓް ހޯދައި ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.
އަނިޔާގެ މައްސަލަތަކާއި އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ ރެއާލުން ރޭގެ މެޗަށް ނުކުތީ އާންމުކޮށް ފުރަތަމަ ޓީމަށް ކުޅޭ ނުވަ ކުޅުންތެރިން ނުލަ އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ރޭ އެ ޓީމު ލައްވައި ކުޅުވީ ކުރިން ކުޅެފައިނުވާ ތަފާތު ފޯމޭޝަަނަކަށެވެ. އެއީ ތިން ޑިފެންޑަރުން ލައިގެން ވިންގް ބެކް ސިސްޓަމަކަށެވެ.
ޒިދާން ބުނީ ޕްރެކްޓިސް ނުކޮށް އާ ސްޓައިލަކަށް ކުޅުނު ކަމުގައި ވިޔަސް އޭނާގެ އިރުޝާދުތަކަށް ކުޅުންތެރިން ބޯލެނބުމަކީ މެޗުން މޮޅުވާްން ލިބުނު ފަސޭހައެއް ކަމަށެވެ.
"އަހަރެމެން ޖެހޭނެ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރަން. މި ހިސާބުން ލީގު ނިންމާލައިގެން ތިބުން އެއީ ރަނގަޅު ގޮތެއް ނޫން. ވަރަށް ގިނަ ޕޮއިންޓް އެބަހުރި އަދި ޓީމުތަކުން ހޯދަން ޖެހޭ. އެހެންވީމަ ކުރިއަށްދާން އަހަރެމެން ވެސް މަސައްކަތްކުރަންވީ،" ޒިދާން ބުންޏެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ރެއާލްގެ ކަސެމީރޯ އާއި ކަރިމް ބެންޒެމާ އަދި ލޫކަ މޮޑްރިޗަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ރެއާލްގެ ގޯލުތައް ޖެހީ ދެ ވަނަ ހާފްގެ ހަ މިނިޓް ތެރޭގަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަަގައިދިނީ ބެންޒެމާ އެވެ. އޭގެ ހަ މިނިޓް ފަހުން ފާލަންޑް މެންޑީ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.