ވެސްޓް ހޭމް ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕް ކުއާޓާ އަށް
ވެސްޓް ހޭމް ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕް ކުއާޓާ އަށް

މެންޗެސްޓާ (ފެބްރުއަރީ 10) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ ޔުނައިޓެޑުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ހަތް ވަނަ ފަހަރެވެ. ޔުނައިޓެޑުން އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2016 ވަނަ އަހަރު ލުއީ ވެން ހާލްގެ ކޯޗުކަމުގަ އެވެ. ޔުނައިޓެޑުން ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ވިކްޓަ ލިންޑެލޮފް ބޮލުން ފޮނުވާލި ބޯޅައެއް ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 90 މިނިޓް ހަމަވުމުގެ ކުރިން ޔުނައިޓެޑް މޮޅުކޮށްދޭން މާކަސް ރެޝްފޯޑް ޖެހި ބޯޅައެއް ވެސް ފަބިއާންސްކީ ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ޔުނައިޓެޑްގެ ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ވަނީ ގޯލެއް ޖަހައިފަ އެވެ. މެކްޓޮމިނޭގެ ގޯލުން ލިބުނު ލީޑު ދަމަހައްޓަން އިތުރު ވަގުތުގެ ދެ ހާފުގައި ޔުނައިޓެޑުން ރަނގަޅު ޑިފެންސިވް ކުޅުމެއް ދެއްކި އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި 3-3 އިން އެއްވަރުވުުމުން ރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑް ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކޮށްފައިވާ ކަމަށެވެ. އެކަމަކު މި މޮޅާ އެކީ އަނެއްކާ ވެސް ޓީމުގެ ރޫހު ރަނގަޅުވާނެ ކަމަށް ސޯލްޝެއާ ގަބޫލުކުރެ އެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އަނެއް މެޗުން ބޯންމައުތު ވަނީ 2-0 އިން ބާންލީ ދަނޑުގައި މޮޅުވެފަ އެވެ. މިއީ ފާއިތުވި 64 އަހަރު ތެރޭ މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ބޯންމައުތު ކުޅޭނެ ފުރަތަަމަ ފަހަރެވެ.