ފަލީހަތް
ފަލީހަތް

އާދިއްތަ ދުވަހާ ގުޅޭ

"މާހިދު ކައިރީގަ ބުނޭ ޕްރޮމޯޝަން ބޭނުމެއް ނޫނޭ. ކެރޭނެތަ؟ ޔޭސް އޯ ނޯ!" މަނާރަތު އެހިއެވެ.

"އަހަރެން ކޮންމެހެން މަނާގެ ޕޮޒިޝަން ބޭނުމެއް ނޫން،" ޒިޔާން ބޭނުންވީ ތަންކޮޅެއް ދިގުކޮށް ޖަވާބެއް ދޭށެވެ. "އަހަރެން މި ވަޒީފާ ބޭނުންވީ، މި ދާއިރާއަށް އިންޓްރަސްޓް ހުރީމަ. އެކަމަކު ކޮންމެ މީހަކު ވެސް ޕްރަމޯޝަން ބޭނުންވާނެ. އަހަރެން މަނާ ކައިރީގަ ބުނަން ވެސް ބުނިން އަހަންނަށް ޕްރަމޯޝަނެއް ހޯދައިދޭށޭ. އަހަރެން ހަވާލުވި ހުރިހާ ސެންސިޓިވް ކޭސްތަކެއް ކާމިޔާބުކޮށްފަ ހުންނާނީ. މަނާއަށް ރަނގަޅަށް އެ ކަން އެނގޭނެ. އެހެންވެ އޭގެ ބަދަލުގައި ޑިޕާޓުމަންޓުން އަހަންނަށް ކުރިއެރުމެއް ދޭން އުޅެންޏާ ދިމާލަށް ނޫނެކޭ ކިހިނެއް ބުނާނީ؟"

"ޔޭސް އޯ ނޯ؟" މަނާރަތު އަނެއްކާ ވެސް ބުންޏެވެ.

ޒިޔާނަށް ހުރެވުނީ ނުބައި ފައްތަރެއްގައި ތާށިވެފައެވެ. ބުނާ ބަހުގައި ހިފާއްޓަން ޒިޔާން ބޭނުމެވެ.

"އަހަރެން ދެކެ ލޯބިވަންޏާ މަނާ ވެސް ޖެހޭނެ ކަންނޭނގެ އަހަރެންގެ ފިއުޗަރ..." ޒިޔާނަށް ބުނެވުނީ އެ ހިސާބަށެވެ.

"ޔޭސް؟ އޯ ނޯ؟" ތިންވަނަ ފަހަރަށް މަނާރަތު އެހިއެވެ.

"ޔޭސް!" ޒިޔާން އެއްބަސްވީ ހިތުންރުހުމަކުން ނޫންކަން އެނގޭ ކަހަލަ ރާގެއްގައި ޒިޔާނަށް ބުނެވުނެވެ.

ތިމާގެ ކުރިމަގު އުޖާލާކުރުމަށް ޓަކައި އަނެކާގެ މުސްތަގުބަލު އަނދިރިކޮށްލައިފި ނަމަ އެއީ ލޯބި ހެއްޔެވެ؟ އެ ކަމާ ފިކުރުކުރަން ޒިޔާނަށް އޮވެވުނީ ނިތްކުރިމަތީގައި އަތް ބާއްވައިލައިގެންނެވެ. އެއީ އިހުތިޔާރަކާ ނުލައި ޒިޔާނަށް އޮވެވުނު ގޮތެކެވެ. ކޮޓަރިއަށް ވަން ދީމާއަށް އެ މަންޒަރު ބަލަހައްޓައިގެން ހުރެވުނީއެވެ. ފަހަކަށް އައިސް ޒިޔާންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ފަރުދާގެ ބިއްދޮށުގައި ކޮންމެވެސް ކަމެއް އެބަ ހިނގައެވެ. ދީމާ ހިތަށްއެރިއެވެ. ޒިޔާން އެއްވެސް ކަމެއް ހިއްސާނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެހުމުގެ ބޭނުމެއް ދީމާއަކަށް ނުވިސްނެއެވެ. އެހެން ނަމަވެސް ނާހައެއް ނުހުރެވުނެވެ.

"ޒިޔާން؟" ދީމާ ގޮވައިލިއެވެ.

ޒިޔާން ސިއްސައިގެންދިޔައެވެ. ނިތްކުރިމަތިން އަތް ނެގިއެވެ. ޒިޔާންގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ފޮރުވަން ވެސް ޒިޔާން މަސައްކަތްކުރިއެވެ.

"ކޮން އިރަކު ދީމާ އައީ؟" ޒިޔާން އެހިއެވެ.

"އަހަރެން އަބަދުވެސް ޒިޔާން ކައިރީގައެއްނު މި ހުންނަނީ،" އެނދުގައި އިށީންނަމުން ދީމާ ވަރަށް އޯގާތެރިކޮށް ބުންޏެވެ. "ކިހިނެއް ވެގެންތަ ތި އުޅެނީ ޒިޔާން. އަހަންނަށް ކިޔައިދީބަލަ! ޒިޔާންގެ ވައިފޭ މީ! ދެން ނުބުނާތި ކަމެއްނުވެއޭ!"

"ކަމެއްނުވޭ!" ލުއި ހިނިތުންވުމަކާ އެކު ޒިޔާން ބުންޏެވެ. "ޖޮބް ޓެންޝަން. އެހެން ކަމެއް ނެތް."

ޒިޔާން ހީކުރީ ހުރިހާ ކަމެއްގެ ކޮންޓުރޯލު އޮތީ ޒިޔާންގެ އަތުގައި ކަމަށެވެ. މައްސަލަތައް ހައްލުވެ، ވީ ކަންތައް ނުވާ ކަންތައް ކަމުގައި ހެދިއްޖެ ކަމަށެވެ. އަމިއްލަ ގޭގެ ދޮރު ކައިރީގައި ވިސްނަން ހުރި މަނާރަތުގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. މަނާރަތާ އެއް ހަމައަކަށް ޒިޔާން އަންނަ ދުވަހު ޒިޔާން ތޮށިގަނޑު ފަޅާލައިފައި ނުުކުންނާނެއެވެ. އެ ދުވަހަކުން މަނާރަތަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ވިސްނަން ހުއްޓައި މަނާރަތު ކައިރިއަށް ކުޑަ ކާރެއް މަޑުކޮށްލައި ދޮރު ހުޅުވައިލިއެވެ. މަނާރަތު އެ ކާރަށް އެރިއެވެ. ގޮނޑީގައި ހަމަޖެހިލިއެވެ.

"އާ ޔޫ އޯކޭ؟" ކާރު ދުއްވަން އިން ރަމީޒު އެހިއެވެ.

"ޔާ!" މަނާރަތު ބުންޏެވެ. "އައި އޭމް ފައިން!"

ޒިޔާން ދިން ބަޔާނުގައި ސޮއިކުރަން އަންނަން އެޗުއާރުން އެންގިއެވެ. މައްސަލަ އެ ހިސާބުން ނިމޭނެކަން ޒިޔާނަށް ކަށަވަރެވެ. ކޮމިޓީން މައްސަލަ ބަލާކަމަށް ހެދުނަސް ފަނޑިޔާރަކީ މަނާރަތުކަން ޒިޔާނަށް އެނގެއެވެ. އެހެން ނޫން ނަމަ، ޒިޔާން ނުވެސް ކުރާ ކުށެއްގެ ތަހުގީގެއް ނުފެށޭނެއެވެ. ޒިޔާން ވަނުމާ އެކު ފުރަތަމަ ވެސް ދިއްކޮށްލީ ޒިޔާންގެ ފޯނެވެ. އެއަށް ފަހު ކަރުދާސްތަކެއް ޒިޔާނަށް ދިއްކޮށްލިއެވެ.

"މީ ޒިޔާން ދިން ބަޔާން،" ވަރަށް އެކުވެރި ރާގެއްގައި ރަމީޒު ބުންޏެވެ. "އެއްވެސް ތަންކޮޅެއް ރަނގަޅު ކޮށްލަން އޮތިއްޔާ ރަނގަޅު ކޮށްލާފަ، ސޮއިކޮށްލައިގެން ގެނޭ. މި ކަންތައް ދެން މި ހިސާބުން މި ނިމުނީ."

ދައްކާ ހުރިހާ ވާހަކައެއް ރިކޯޑު ކުރެވޭނެކަން ޒިޔާނަށް އެނގެއެވެ. ރިކޯޑުކުރާ އެތި ބާއްވައިފައި އޮތީ ފެންނަ ގޮތަށެވެ.

"އެއީ ކީއްވެގެންތޯ ނިމުނީ؟" ނޭނގޭ ކަމަށް ހެދިފައި ޒިޔާން ބުނެލިއެވެ. "އަޅުގަނޑު އެހާ ބޮޑެތި ކުށްތަކެއް ކޮށްފަ ހުރިއްޔާ އަދަބު ދޭން ޖޭހެނެ ނޫންތޯ!"

ޒިޔާން ހަމަ އެކަނި ބޭނުންވީ މައްސަލަ ހިންދާލަން ދައްކާ ބަހަނާ އަޑުއަހާލާށެވެ. ހުދު ރަމީޒަށް ވެސް އެ ކަން އެނގުނު ކަހަލައެވެ.

"ކުރީ ދުވަހު މަނާރަތު ވެސް ގެނެސް އޭނަޔާ މި ސުވާލުތައް ކޮށްފިން،" ކަރުކެހިލައިފައި ރަމީޒު ބުންޏެވެ. "ޖަވާބުދިން އިރު އޭނަ ވަރަށް ބޮޑަށް ދޮގުހަދައިފި. އޭނަ ބުނަނީ ޒިޔާން ކިޔައިދިން އެއްވެސް ކަމެއް އޭނަ ކުރިކަމެއް ހަނދާނެއް ނެތޭ! އެއްފަހަރު ހޭނެތުނުކަން އެނގެޔޭ ދެން އޭނަ ގެއަށޭ އައީ. އިތުރު ކަމެއް ހަނދާނެއް ނެތޭ! އޭނަ ގިނައިން ހަމަ ދޮގުހެދީ. އެ ކަން ވަރަށް ސާފު."

ޒިޔާން ހީކުރި ވަރަށް ވުރެ ރަމީޒު މާ ކުޅަދާނައެވެ. ފަހަރެއްގައި ޒިޔާން މައްސަލަޖައްސައިގެން ޔައުމިއްޔާ އަޑުއެހިޔަސް، މަނާރަތު ކޮޅަށް ރަމީޒު ޖެހިފައިވާކަން އެއްވެސް ވަރަކަށް ސާބިތެއް ނުކޮށްދެވޭނެއެވެ. އޭގެ ބަދަލުގައި ފެންނަން އޮންނާނީ ރަމީޒުގެ އިންސާފާއި ނިންމުންތައް ކިހާ ހަމަހަމަކަމެވެ.

"މީގަ ދައުވާކޮށް، އަދަބުދޭންޖެހޭ ކަހަލަ ކަމެއް ނެތް،" ރަމީޒު އިތުރަށް ބުންޏެވެ. "ހުރިހާ ކަމެއް ހިނގީ އޭނަގެ ވެސް ރުހުމުގަ. އެއީ އަހަރުމެންނާ ބެހޭ ކަމެއް ނޫން. އެއީ ތި ދެ މީހުންގެ ޒާތީ ކަމެއް. އެހެންވެ ކުރިޔަށް އޮތް ތަނުގަ ވެސް ދެ މީހުން ވިސްނައިގެން އުޅޭ. ޖެހޭ މި ކަހަލަ މައްސަލަތައް އަހަރުމެންނާ ހަމައަށް ނުގެނެސް އަމިއްލައަށް ހައްލުކުރޭ! ދެން ތި ބަޔާން ކިޔައިލައިފަ ސޮއިކޮށްލާ! މައްސަލަ ނިމުނީ. ބައްދަލުވުން ވެސް މި ހިސާބުން ނިމުނީ."

ކަމެއް ސާބިތުކުރަން ބޭނުން ވެއްޖެއްޔާ ހެތްކެއް ނެތަސް ފުދެއެވެ. ކަމެއް ބާތިލުކުރަން ބޭނުން ވެއްޖެއްޔާ ކިތަންމެ ހެތްކެއް ހުއްޓަސް ނެތެވެ. ޒިޔާން ހިތަށްއެރިއެވެ. މަނާރަތާ ދެކޮޅަށް ޒިޔާން ކިތައް ހެކި ހުށައެޅި ހެއްޔެވެ؟ އަބުރުގެ ދައުވާއާއި، ޖިންސީގޯނާގެ ދައުވާ ސާބިތުނުވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމަ އެކަނި ފިރިހެނުން ބައްދަން ޖަހާފައިވާ މަޅިޔަކީ ހެއްޔެވެ؟ ހުރިހާ ޝަކުވާއެއް ނޭވައެއްގެ ސިފައިގައި ބޭރުކޮށްލުމަށްފަހު ބަޔާން ހިފައިގެން ޒިޔާން އިށީނެވެ. ތިރީހަކަށް ސަފުހާގެ ބަޔާން، ހަމަޖެހިލައިގެން އިނދެ ޒިޔާން ކިޔެވެ. އޭގައި މާނަ ފުށުއަރާ ނުވަތަ އޮޅުންއަރާ ގޮތަށް ބައެއް ލަފުޒުތަކާއި ޖުމުލުތައް ހުއްޓެވެ.

"އެބަހުރި ކަރެކްޝަން ހަދަންޖެހޭ ތަންތަންކޮޅު،" ބަޔާން ކިޔައި ނިންމައިފައި ޒިޔާން ބުންޏެވެ. "އަޅުގަނޑު ނުބުނާ ބައެއް ތަންތަންކޮޅު އެޑްވެފަ ވެސް އެބަހުރި. ބޭނުން ރަނގަޅުކުރަން."

ކޮމިޓީގައި ދެން ބައިތިއްބައިފައި ތިބި ބުދުތަކަށް ރަމީޒު ބަލައިލިއެވެ. ދެން ވެސް އެ މީހުން އެއްޗެއް ނުބުނެއެވެ.

"ޒިޔާން ބޭނުން ގޮތަކަށް ބަދަލުކޮށްލާ!" ވަރަށް ކޮށްދޭ ހިތުން ބުނާ ކަހަލަ ގޮތަކަށް ރަމީޒު ބުންޏެވެ. "ފާހަގަކުރެވޭ ހުރިހާ ތަނެއްގަ ރޮނގުދަމާލާފަ، ބޭނުންވާ ގޮތް ލިޔެލާފަ ފަހުން ގެނޭ. ވަރިހަމަ ކޮންމެހެން އަވަސް ނުކުރިޔަސް. އަލުން ޕްރިންޓްއައުޓެއް ނަގާފަ އޭގަ ސޮއިކުރާނީ. އޯކޭއެއްނު!"

ރަމީޒު އާދަޔާ ހިލާފަށް އޯގާތެރިހެން ޒިޔާނަށް ހީވިއެވެ. ނޫނީ އެއީ ޒިޔާންގެ ކުށްހީއެއްބާއޭ ވެސް ހިތަށްއެރިއެވެ. ބަޔާން ހިފައިގެން ޒިޔާންގެ މޭޒުކައިރިއަށް އައިސް ޒިޔާން ބޭނުންވާ ގޮތަށް ހުރިހާ ތަނެއް އިސްލާހުކުރިއެވެ. ދެ ފޮޅުވަތް ދޭތެރޭގައި ފޮރުވިފައި އެއްވެސް މާނައެއް އޮތްތޯ ވެސް ޒިޔާން ބެލިއެވެ. ބަޔާން ދިރާސާކުރަން ޒިޔާން ހަތަރު ދުވަސް ހޭދަކުރިއެވެ. އެއަށް ފަހު އަލުން ބަޔާން ހަވާލުކުރިއެވެ.

ބަޔާނުގައި ސޮއިކުރަން ޒިޔާނަކަށް ނުގުޅައެވެ. އެއީ އެޗްއާރު ޑިޕާޓުމަންޓާ ވަރަށް ނުގުޅޭ ކަމެކެވެ. ފަށާ މައްސަލައެއް އަވަހަށް ނިންމައިލުމަކީ އެ ޑިޕާޓުމަންޓުގެ ހާއްސަ ސިފައެކެވެ. ބަޔާން ހަވާލުކުރިތާ ހަތް ވަނައަށް ވީ ދުވަހު ލެބޯޓަރީއަށް އާ ސާމާނުތަކެއް ގެނައެވެ. ލެބޯޓަރީގައި ތަކެތި އެތުރުމަކީ މަނާރަތުގެ ބެލުމުގެ ދަށުން ހިނގާ ކަމެކެވެ. އެހެނަސް، އެ ފަހަރު ޒިޔާން އިސް ދައުރެއް އަދާކުރަން ޖެހުނެވެ. ބަޔާން އިސްލާހު ކޮށްފައި ސޮއިކުރަން ޒިޔާނަށް ގުޅި ވަގުތަކީ، އެންމެ އަވަދިނެތިކޮށް ޒިޔާން އުޅުނު ވަގުތެވެ. އެޗްއާރު ޑިޕާޓުމަންޓަށް ޒިޔާން ވަން އިރު ކޮމިޓީގެ އެންމެން ތިބީ ޒިޔާންގެ އިންތިޒާރުގައެވެ. ބަޔާން ލިބުމުން ޒިޔާން ގަސްތުކުރީ ކޮޅުންކޮޅަށް ކިޔައިލާށެވެ.

"ތި ދެން ކޮންމެހެން އެއްކޮށް ކިޔާނެކަމެއް ނެތެއްނު!" ރަމީޒު ބުންޏެވެ. "އަދި އެބަ ޖެހޭ ތިން މައްސަލައެއް މިއަދު ނިންމަން. އެހެން ނޫނަސް ތީ ނިމިފަ އޮތް މައްސަލައެއް. ޒިޔާން އިސްލާހުކުރަން ބުނެފަ ހުރި ތަންތަންކޮޅު އޯކޭތޯ ބަލާލާފަ ސޮއިކޮށްލާ!"

ޒިޔާނަކަށް ވެސް ވަގުތެއް ނެތެވެ. ވީމާ، އިސްލާހުކުރި ތަންތަންކޮޅު އެކަނި ކިޔައިލައިފައި ޒިޔާން ސޮއިކުރިއެވެ. ދަންތުރައަކުން ސަލާމަތްވެވުނު ކަމުގެ ހިތްހަމަޖެހުމާ އެކު ގެޔަަށް ދިޔައެވެ. ހައެއްކަ ގަޑި އިރު ފަހުން ޒިޔާނަށް ފޯނުކޯލެއް އައެވެ. ރަމީޒާ ބައްދަލުކުރުމަށް އެންގިއެވެ. އެ ފަހަރު ޒިޔާނަށް ފެނުނީ ހަގީގީ ރަމީޒެވެ. އޭނަގެ މޫނުމަތީ ކުލަވަރާއި، ރާގާއި، ބަސްމަގު ވެސް ހުރީ ބަދަލުވެފައެވެ.

"ތި ގޮތަކަށް ބަޔާނެއް ނުދެވޭނެ،" ހަރުކަށި ރާގެއްގައި ރަމީޒު ބުންޏެވެ. "ބަޔާން ބަލައެއް ނުގަނެވޭނެ."

"އެއީ ކީއްވެގެންތޯ؟" ޒިޔާން ހައިރާންވެފައި ސުވާލުކުރިއެވެ.

"ބަޔާނުގައި ވަރަށް ޑީޓެއިލް ހުންނަން ޖެހޭނެ،" ރަމީޒު އެދުނެވެ. "އެހެން ނޫނީ ކޮމިޓީގެ އެއްވެސް މެންބަރަކު ސޮޔެއް ނުކުރާނެ. އަލުން ބަޔާނެއް ލިޔޭ!"

އިތުރު ވާހަކައެއް ދެއްކުމުގެ އެއްވެސް ފުރުސަތެއް ޒިޔާނަކަށް ނުދިނެވެ. އަމުރު ކިތަންމެ ހެއްވަޔަސް، ތާކުންތާކު ނުޖެހުނަސް ޒިޔާނަށް ޖެހުނީ ދެވަނަ ބަޔާނެއް ލިޔާށެވެ. އެ ބަޔާން ދިންތާ ކުޑަ އިރުކޮޅެއް ފަހުން ޒިޔާން ކޮމިޓީއަށް ހާޒިރުކުރިއެވެ.

"މައްސަލަ ނިންމި ގޮތް އަންގަން މި ގެނައީ." ރަމީޒު ބުންޏެވެ.

"ކިހިނެއްތޯ ނިމުނީ؟" ޒިޔާން އެހިއެވެ.

ނުނިމޭ