ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު
ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު

ނިއު ދިއްލީ (ފެބްރުއަރީ 10) - މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ އުތުރުގެ އުއްތަރަކަންޑުގައި ހިނގައިދިޔަ ހާދިސާ އެތައް ބަޔަކަށް ވަނީ ހީނުކުރާވަރުގެ ތަޖްރިބާތައް ކުރަން ޖެހިފަ އެވެ. ބަސަންތު ބަހާދުރު ނަމަކަށް ކިޔާ މީހަކާއި އިތުރު 11 މީހުން ޓަނަލެއްގެ ތެރޭގައި ތިބެން ޖެހުނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު
ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު

ހިމާލަޔާގެ ބޮޑު ގަނޑުފެންގަނޑެއް ކޯރަކަށް ވެއްޓި، ބޮޑުވި ފެންގަނޑުގައި ޑޭމެއް ފަޅައިގެން ގޮސް، އެންމެ ފަހުން އެ ފެންގަނޑު ދަމައިގަތީ ބަހާދުރުމެން މަސައްކަތް ކުރަން ތިބި ޓަނަލްގެ ތެރެއަށެވެ. ޓަޕޮވަން ވިޝްނޫގާޑް ހައިޑްރޯ ޕަވާ ޕްރޮޖެކްޓާ ގުޅާލައިފައިވާ ދެ ޓަނަލް ވަނީ ފެންގަނޑުން ބައްދާލައިފަ އެވެ. ބަހާދުރުގެ ޓީމު މަސައްކަތް ކުރަން ތިބީ ކުޑަ ޓަނަލްގަ އެވެ. އެކަމަކު އެ 12 މީހުން ވަނީ އެ ޓަނަލުން ސަލާމަތްކޮށްފަ އެވެ. ރެސްކިއު ޓީމުތަކުން މިހާރު ދަނީ ދިގު ޓަނަލްއި ތާށިވެފައި ތިބި 35 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ގާތްގަނޑަކަށް 8.3 ކިލޯމީޓަރު (5.1 މޭލު) ގެ ދިގު ޓަނަލެކެވެ.

ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު
ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު

ފެންގަނޑު ބޮޑުވި އިރު ބަހާދުރާއި އިތުރު ބަޔަކު މަސައްކަތް ކުރަމުން ދިޔައީ 3.8 ކިލޯމީޓަރު ދިގު ޓަނަލްގެ 300 މީޓަރު (ގާތްގަނޑަކަށް 900 ފޫޓް) އެތެރޭގަ އެވެ. އެ މީހުން ފުރަތަމަ ހީކުރީ ގޭސް ސިލިންޑަރެއް ގޮވި ކަމަށެވެ. އެހެންވެ ޓަނަލުން ނުކުންނަން އުޅެފި ނަމަ ކަރަންޓުގައި ޖެހިދާނެ ކަމަށް އެ މީހުންނަށް ހީވި އެވެ. ދުން އަރާ މަންޒަރު ވެސް އެ މީހުންނަށް އޭރު ފެނެ އެވެ.

ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު
ޓަނަލްގައި ތާށިވުން: ހަޔާތުގެ އެންމެ އުނދަގޫ ހަތް ގަޑިއިރު

"އަނދިރި ޓަނަލްގެ ތެރެއަށް ކުއްލިއަކަށް ބޮޑު ފެންގަނޑެއް ވައްދާލައިފި. އެންމެން ވެސް ވަރަށް ބިރުގެންފި،" ބީބީސީއާ ވާހަކަ ދައްކަމުން ބަހާދުރު ބުންޏެވެ.

އޭނާ ބުނީ އެންމެން ވެސް ދެން ދުއްވައިގަތީ ފަރުބަދަ ކަނޑަން ބޭނުންކުރާ މެޝިނަކާ ދިމާލަށް ކަމަށެވެ. ދެމެމުންދިޔަ ފެންގަނޑުން ސަލާމަތްވާން އެ މީހުން ތިބީ އެ މެޝިން މައްޗަށް އަރައިފަ އެވެ.

"އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ ހަތްގަޑިއިރު. އެކަމަކު އުއްމީދު ކަނޑައެއް ނުލަން. އަހަރެމެން ދިޔައީ އަމިއްލަ ނަފްސަށް ހިތްވަރު ހޯދަމުން،" ބަހާދުރު ބުންޏެވެ.

ނަސީބަކުން ބަހާދުރުގެ އަތުގައި މޯބައިލް ފޯނު އޮތެވެ. ޓަނަލްގެ ތެރޭން ސިގްނަލް ލިބުމަކީ އުނދަގޫ ކަމެކެކެވެ. އެކަމަކު ކޮންމެވެސް ގޮތަކުން އިމަޖެންސީ ނަމްބަރަކާ އެ މީހުންނަށް ގުޅޭ ގޮތް ވެއްޖެ އެވެ. އޭގެ ފަހުން ރެސްކިއު ޓީމުތަކުން އެ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ސަލާމަތްކުރި މީހުންގެ ތެރޭގައި ސްރިނިވަސް ރެޑީ ކިޔާ މީހަކު ހިމެނެ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޓަނަލްގެ 350 މީޓަރު އެތެރޭގަ އެވެ. ކުއްލިއަކަށް މަސައްކަތްތެރިއަކު ދުވަމުން ގޮސް އެންމެން ޓަނަލުން ނުކުތުމަށް އެންގި ކަމަށް ރެޑީ ބުންޏެވެ. ކޯރެއްގެ ފެންގަނޑު ބޮޑުވެ ޓަނަލަށް ވަންނަނީ ކަމަށް އެ މީހާ ބުންޏެވެ. ނަމަވެސް ރެޑީގެ ޓީމަށް ސަލާމަތްވާނެ ވަގުތެއް ނުލިބުނެވެ.

"ފެންގަނޑު ވަދެގެން ދިޔައީ އެއަށްވުރެ ބާރަށް. އަހަރެމެން ތިބީ ޓަނަލްގެ މަތީގައި ހުރި ދަގަނޑުތަކުގައި ހިފަހައްޓައިގެން. ފެންގަނޑު ހިނދެންދެން އެ ގޮތުގައި ތިބީ،" ރެޑީ ބުންޏެވެ.

ފެންގަނޑު އަޑިވާން ފެށުމުން ރެޑީގެ ޓީމުން ވަނީ ޓަނަލުން ނުކުތުމަށް މިސްރާބު ޖަހައިފަ އެވެ. އެ މީހުން ދިޔައީ ޓަނަލްގެ ތެރޭގައި ކަނު އަނދިރީގަ އެވެ. ސަބަބަކީ ފެނުގެ ސަބަބުން ޓަނަލްގެ ކަރަންޓް ކެނޑިފައިވުމެވެ.

"އަހަރެން ތިބީ ވަރަށް ފިނި ފެންގަނޑެއްގެ ތެރޭގައި. އަހަރެންގެ ފައިތައް ދިޔައީ ގަނޑުވަމުން،" ރެޑީ ބުންޏެވެ.

އެ އުނދަގޫ ހާލަތުގައި ހިތްވަރު ހޯދުމުގެ ގޮތުން ރެޑީ ދިޔައީ ލަވަކިޔަމުންނެވެ.

"އެހެން މީހުން ވެސް ހިތްހަމަޖައްސައިދީ ހިތްވަރު ދިނުމަށް އަހަރެން ދިޔައީ ލަވަޔާއި ޅެން ކިޔަމުން. އަހަރެން ބޭނުންވީ އެންމެން ވެސް ހިތްވަރުގައި ތިބުމަށް،" އޭނާ ބުންޏެވެ.

ޓަނަލްގެ ބޭރުން ރެސްކިއު ޓީމުތަކާ ގުޅަންއުޅެ ވެސް ނުގުޅުނީ ފޯނު ސިގްނަލް ނުލިބޭތީ އެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ޓަނަލްގެ ބޭރާ ގުޅުމާ އެކު އެ މީހުން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ.

ޓަނަލުން ސަލާމަތްކުރި އެކަކީ ވިރެންދުރަ ކުމާރު ގައުތަމް އެވެ. ޓަނަލުން ސަލާމަތް ކުރުމާ އެކު އޭނާ އުފާކުރާ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

"ފެންގަނޑު ވަނުމާ އެކު ޓަނަލުން ކަރަންޓް ދިޔަ. ދުރުން އަހަރެމެންނަށް ދިޔައީ ބާރު އަޑުފައްގަނޑެއް އިވެމުން،" ކުމާރު ބުންޏެވެ.

އޭނާ ބުނީ ޓަނަލް ތެރޭގައި ކަނު އަނދިރީގައި ފެންބޮޑުވަމުން ދިޔައިރު އިތުރަށް ބިރުގަތް ކަމަށެވެ. ފަނަރަ މިނިޓް ވަންދެން ފެންގަނޑު ބޮޑުވި ކަމަށާއި އޭގެ ފަހުން ހިނދެން ފެށި ކަމަށް ކުމާރު ބުންޏެވެ. އޭނާ ހީކުރީ ބޯކޮށް ވާރޭ ވެހިގެން ފެންބޮޑުވީ ކަމަށެވެ.

"ފެންގަނޑު ދެމޭވަރު ދަށްވުމުން، އަހަރެމެންނަށް އެނގިއްޖެ ނުރައްކާ ކުޑަވެއްޖެކަން. އަޅުގަނޑު ބުނިން އެންމެން ގާތުވެސް ވަރަށް ކެތްތެރިވެގެން ތިބުމަށް،" ކުމާރު ބުންޏެވެ.

ކުމާރުގެ ޓީމުން ވެސް ތިބީ ޓަނަލްގެ މަތީގައި ހުރި ދަގަނޑުތަކުގައި ހިފަހައްޓައިގެންނެވެ. ފެންގަނޑު ހިނދެން ފެށުމުން އެ މީހުން ވެސް ވަނީ ޓަނަލުން ނުކުތުމަށް މިސްރާބު ޖަހައިފަ އެވެ. ސިގްނަލް ރަނގަޅަށް ނުލިބޭތީ، އިމަޖެންސީ ޓީމުތަކާ އެ މީހުންނާ ވެސް ގުޅުނީ އެތައް ފަހަރަކު ފޯނުން ގުޅައިގެންނެވެ.