27 ނޮވެމްބަރ 2016 - 12:07

ސްކޫލު ޗުއްޓީ ލިބުމަކީ ކުދިން އަބަދުވެސް އުފާކުރާ ކަމެކެވެ. ވަކި ގަޑިއަކަށް، ވަކި ކަމެއް ކުރަން ނެތުމަކީ ޗުއްޓީގައި ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ހަމަ އެހެންމެ އެކި ތަންތަނަށް ދުވަން ނުޖެހި އާއިލާ އާއި ރައްޓެހިންނާ އެކު ހޭދަކުރުމަކީ އުފަލެކެވެ. ކަން މިހެން އޮތް ނަމަވެސް ސްކޫލު ޗުއްޓީއާ ކުރިމަތިލާއިރު ގިނަ ބެލެނިވެރިންގެ ވިސްނުން ހުންނަނީ ކުދިންގެ ކިޔެވުމުގެ ހުނަރުތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންކަން ރޭވުމުގަ އެވެ. އެކަމަކު ކުދިންގެ ކިޔެވުމަށް ދޭ ޝައުގުވެރިކަމާއި ކިޔެވުން އިތުރަށް ހަރުދަނާކުރަން އެންމެ މުހިންމު ކަމަކީ ޗުއްޓީގައި އެކުދިންނަށް ވީހާވެސް ގިނައެއްކޮށް ހުސް ވަގުތު ދިނުމެވެ. ކުދިންނަށް ލިބޭ ހުސް ވަގުތަކީ ވެސް ނުސީދާކޮށް ކިޔެވުމުގެ ހުނަރު ތަރައްޤީކުރަން އެޅޭ ބާރެކެވެ.
ސްކޫލު ޗުއްޓީގައި އަމިއްލަ އަށް ކަންކަން ކުރުމުގެ ފުރުސަތު ކުދިންނަށް ލިބެ އެވެ. އެހެންކަމުން އެ ކުދިން ޝައުގުވެރިވާ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރަން ފުރުސަތު ލިބެ އެވެ. މިގޮތުން އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރުމާއި، ހޮބީގެ ގޮތުގައި ކުރާ ކަންކަމަށް ވަގުތު ދެވުމާއި، އަރާމުކުރުމާއި އުފަލާއި މަޖަލުގައި ވަގުތުކޮޅެއް ހޭދަކޮށްލުން ހިމެނެ އެވެ. ޗުއްޓީގައި ކުރާނީ ކޮން ކަމެއްކަން ނިންމުމުގެ ފުރުސަތު ވެސް ކުދިންނަށް އެބަ ލިބެ އެވެ. ކުރާހިތްވާ އަދި ކުރަން ބޭނުންވާ ކަންކަން ތަރުތީބުކުރުމާއި، އެންމެ ބޭނުންވާ ކަންކަން އިސްފަސްކުރުން ފަދަ ކަންކަމުގެ ތެރެއިން ކުއްޖާގެ ނަފްސު އިތުރަށް ދަސްވެ އެވެ. ކުރަން ޝައުޤުވެރިވާ ކަންތަކާއި ހުނަރުތައް ދެނެގަތުމުގެ ފުރުސަތު ވެސް ލިބެ އެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން މި ލިބޭ ހުސް ވަގުތު ފައިދާ ހުރި ގޮތުގައި ބޭނުންކުރެވެ އެވެ.
ޗުއްޓީ އަންނަން ވާއިރަށް ޗުއްޓީ ރާވާލަން އާއިލީ ބައްދަލުވުމެއް ބޭއްވުން މުހިންމެވެ. ޗުއްޓީގައި ކުރަން އެންމެ ޝައުގުވެރިވާ ކަންތައްތަކަކީ ކޮބާތޯ ބެލިދާނެ އެވެ. ޗުއްޓީ ރާވާއިރު އޭގެ ތެރެއިން ކުރެވެން ހުރި ކަންކަން ހިމަނާށެވެ. ޗުއްޓީ ފަށުމާއި ނިންމުން ހޭދަކުރުން ރަނގަޅީ ގޭގަ އެވެ.
ލިބޭ ހުސް ވަގުތު ކުޅިވަރާ މަޖަލުގައި ހޭދަކުރުމަކީ ވަގުތު ބޭކާރުކުރުން ކަމަށް، ބައެއް މީހުން ދެކެ އެވެ. އެއީ ކުރުން މާ މުހިންމު ކަމެއް ކަމަކަށް ވެސް ނުބަލަ އެވެ. ނަމަވެސް އެގޮތަށް ވަގުތު ހޭދަކުރުމަކީ ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. އެއީ ކިޔުވުމުގައި އުފުލާފައިވާ ބުރަކަމަށް ހަމަޖެހުން ގެނެސްދޭނެ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅުގެ ބޭނުން ހިފަން ޖެހެނީ އަލުން ކިޔެވުން ފެށެންވާއިރަށް ސިކުނޑި ތައްޔާރުކުރާށެވެ. ހަރަކާތްތެރިވެ ކުޅޭ ކުޅިވަރުތަކުގައި ބައިވެރިވުމަކީ ހަށިގަނޑު ހެދިބޮޑުވުމަށް ހެޔޮ އަސަރުކުރާނެ ކަމެކެވެ.
ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަކުރަން ޖެހޭނީ އެކަށީގެންވާ ފައިދާ ލިބޭނެ ފަދަ ގޮތަކަށެވެ. އަމިއްލަ ނަފްސަށް އިތުރުބާރުކުރަން، އެފަދަ ކުޅިވަރު ހަރަކާތްތަކުން، ދަސްވާނެ އެވެ. އަދި ފޮތް ކިޔުމާއި އަތްތެރި ކޮންމެވެސް މަސައްކަތެއްގެ ތެރެއިން އެހެން ކުދިންނާ އެކު ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެފަދަ ގުރޫޕު ހަރަކާތްތަކުގައި ކުދިން ބައިވެރިކުރަން އެންމެ އެކަށީގެންވާނީ ސްކޫލް ޗުއްޓީ ދުވަސްވަރެވެ. ވަކިން ޚާއްސަކޮށް ކަންކަމާ ކުރިމަތިލާން ލަދުގަތުން ފަދަ ކަންކަމުން ކުދިން ދުރުވާން އެ ހަރަކާތްތަކުން އެހީތެރިވާނެ އެވެ. މީގެ ތެރޭގައި އިޖުތިމާއީ ހުނަރާއި، އަހުލާގަށް އަންނަ ބަދަލުތަކާއި، މުއާމަލާތުކުރުން އަދި އެކަކު އަނެކަކާ ރަނގަޅު ގުޅުމެއް ޤާއިމުކުރަން ދަސްވުން ހިމެނެ އެވެ.
ޗުއްޓީއަކީ މިނިވަންކަމާއި އުފަލާއި ހިތްހަމަޖެހުމާ އެކު ވަގުތު ހޭދަކުރުމެވެ. ކަނޑައަޅާ މިންތަކުގެ ތެރޭގައި ކުދިންނަށް ހުސް ވަގުތު ހޭދަކުރަން ދޭ ފުރުސަތަކީ އުނގެނުމަށް ވެސް ދޭ ހިތްވަރެކެވެ. އެހެންކަމުން މި ޗުއްޓީގައި ކުދިންނަށް އެ ފުރުސަތު ތަނަވަސްކޮށްދޭށެވެ. ކުދިންގެ ސިކުނޑިއަށް ތާޒާކަން ގެނުވައިދޭ ޗުއްޓީއަކަށް ހަދައިދޭށެވެ.