09 ފެބުރުއަރީ 2021 - 19:52

ޏ. ފުވައްމުލަކުގައި މިދިޔަ އާދިއްތަ ދުވަހު ކޮވިޑް-19 އަށް ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ޕޮޒިޓިވްވެ، އާއްމުންގެ ތެރޭގައި ބަލި އުޅޭކަމުގެ ބިރު ބޮޑުވުމާ އެކު ރަށް މޮނިޓަރިން އަށް ލައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެ ރަށުގައި ބަލި އުޅޭތޯ ބެލުމަށް، ޓެސްޓު ކުރީ، އާއްމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުން ކަމަށެވެ. ޓެސްޓު ހެދި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ވުމުން، އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާއްމުންގެ ތެރޭގައި ބަލި އުޅުމުގެ ފުރުސަތު ބޮޑު ކަމަށް އެތަނުން ބުންޏެވެ.
ޕޮޒިޓިވް ދެ ކޭސް ފެނުމާއެކު، 13،000 ގެ އާބާދީއެއް އޮންނަ އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެހެންވެ އެ ރަށަށް އަރައި ފޭބުމަކީ މިހާރު މަނާ ކަމެކެވެ.
ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން ހޯދަމުންނެވެ.
ފުވައްމުލަކުން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު، އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެހެންވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުމުގެ ބިރެއް އޭރަކު ނެތެވެ.
އައްޑޫގައި ވެސް މިހާރު ކޮވިޑް-19 ފެތުރެމުންދާއިރު އެ ރަށުން 50 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ، އެއް އަވަށުން އަނެއް އަވަަށަށް ދަތުރުކުރުން މަނާކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.