09 ފެބުރުއަރީ 2021 - 20:03

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަކީ ވޫހާންގައި ހުންނަ ލެބޯރަޓަރީން ލީކްވި އެއްޗަކަށް ވުން ވަރަށް ނާދިރު ކަމަށާއި އެންމެ ކައިރީ ޖަނަވާރެއްގެ ފަރާތުން އިންސާނުންގެ ތެރޭގައި ފެތުރެން ފެށުން ކަމަށް، ޑަބްލިޔުއެޗުއޯ އިން މިއަދު ބުނެފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުން ފެށިގެން ބައެއް މީހުން ތުހުމަތުކުރަމުން ދިޔައީ ކޮރޯނާވައިރަސް އަކީ ޗައިނާގެ އުފެއްދުމެއް ކަމަށާއި އަދި ވޫހާންގައި ހުންނަ، ނުރައްކާތެރި ވައިރަސްތަކުގެ ދިރާސާކުރާ ހާއްސަ ލެބޯރަޓަރީން ލީކްވުން ވަރަށް ކައިރި ކަމަށެވެ. ނަމަވެސް ފެށުނީއްސުރެ ޗައިނާ އިން އެ ވާހަކަތައް ދޮގުކުރި އެވެ.
ޑަބްލިޔުއެޗުއޯގެ ތަޖުރިބާކާރުންގެ ޓީމަކަށް ވޫހާންގެ ލެބަށް ޒިޔާރަތްކޮށް، ފުރަތަމަ ކޮވިޑް ފެތުރުނު ގޮތުގެ ލަފާކުރުންތަކުގެ ދިރާސާތަކަށް ޗައިނާ ސަރުކާރުން ހުއްދަދިނީ ދާދި ފަހުންނެވެ. އަދި މިއަދު ޑަބްލިޔުއެޗުއޯގެ ޓީމުން ވަނީ އެ ދިރާސާގެ ބައެއް ކަންކަން ހާމަކޮށްފަ އެވެ. ބާރަ ދުވަހުގެ މި ދަތުރަކީ އެ ވައިރަސް އިންސާނުންގެ ތެރެއަށް ފުއްމާލި ގޮތް ދެނެގަތުމުގެ އުނދަގޫ މަސައްކަތުގެ ފެށުމެވެ.
ޑަބްލިޔުއުޗުއޯގެ ޓީމުގެ އިސް ވެރިޔާ އަދި ކާނާގެ ރައްކާތެރިކަމާ ބެހޭ ދާއިރާގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ޕީޓާ ކޭ ބެން އެމްބަރެކް ވިދާޅުވީ ވައިރަސް އުފެދުނު ގޮތް ދެނެގަތުމުގެ މަސައްކަތުގައި މިހާތަނަށް މަގު ދައްކައިދެނީ އެކަން ފެށުނީ ގުދުރަތީ މާހައުލަކުން ކަމަށެވެ.
ކޮވިޑް ފުރަތަމަ ފެށުނު ވޫހާންގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެ ސިޓީގައި ހުރި ލެބޯރަޓަރީން ވައިރަސް ބޭރުވެދާނެ ކަމާ މެދު ކުރާ ލަފާތައް ދޮގުކުރައްވައިފަ އެވެ.
"އެކަހަލަ ތަނަކުން އެއްވެސް އެއްޗެއް ބޭރުވުމަކީ ވަރަށް ނާދިރު ކަމެއް،" ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ޑަބްލިޔުއެޗުއޯގެ ޓީމުން ވާހަކަ ދެއްކީ ސައިންސްގެ ހޯދުންތަކުގެ މައްޗަށެވެ. އެކަމަކު މި ދިރާސާއަށް ސިޔާސީ ހިޔަނި ވަނީ އެކި ގޮތްގޮތުން އެޅިފަ އެވެ. ވެރިކަމުގައި ހުންނެވި އިރު ޓްރަމްޕް ވަނީ އެތައް ފަހަރަކު އެއީ "ޗައިނާގެ ވައިރަސް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ޗައިނާ ސަރުކާރުން ބުނަމުން އަންނަނީ ވައިރަސް ގުޅިފައި އޮތީ ބޭރުގެ ގައުމަކާ ކަމަށެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޗައިނާ ސަރުކާރުގެ އޮފިޝަލުން އެދިވަޑައިގަތީ ދިރާސާ އަމާޒުކުރަން ޖެހޭނީ ޗައިނާއިން ބޭރަށް ކަމަށެވެ.
"މި ތަހުގީގު އެންމެ ސަރަހައްދަކަށް ބިނާކޮށްގެން ނުވާނެ،" ޑަބްލިޔުއެޗުއޯގެ ޓީމަށް އެހީތެރިވުމުގައި ޗައިނާގެ ފަރާތުން އިސްކޮށް ހުންނެވި ލިއަންގު ވާނިއަން ވިދާޅުވި އެވެ.
އެކަމަކު ޗައިނާގެ އެ ވާހަކައާ ދެކޮޅަކަށް ޑަބްލިޔުއެޗުއޯގެ ސައިންސްވެރިން އެއްޗެކޭ ވިދާޅެއްނުވެ އެވެ. އެ ބޭފުޅުން ވިދާޅުވީ ޗައިނާއިން ބޭރުން ކޮވިޑްގެ ކޭސްތަކެއް ކުރިން ފެނުނު ކަމަށް ބުނާ ރިޕޯޓްތައް ދިރާސާކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ސައިންސްވެރިން ވަނީ ޗައިނާގައި ފުރަތަމަ ބަލިވި މީހުން މަސައްކަތްކުރި ދިރޭ ޖަނަވާރު ގެންގުޅޭ ބާޒާރުން ވިއްކި ޖަނަވާރުތަކާ ބެހޭ ޓެސްޓްތައް ހަދަން ވެސް ގޮވާލައްވައިފަ އެވެ.