09 ފެބުރުއަރީ 2021 - 21:39

އަންނަ އޭޕްރީލް ދިހައެއްގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު، ސަރުކާރުގެ ގެޒެޓުގައި އާއި ރަށްރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި 1414 ނަމްބަރަށް މެސެޖްކޮށްގެން، ލިސްޓުގައި އެ މީހެއްގެ ނަން އޮތްތޯ ބެލޭނެ ކަމަށް އީސީން ބުންޏެވެ.
މެސެޖް ކުރާނީ VR (space) IDNO ޖަހައިގެންނެވެ.
އީސީން ބުނިގޮތުގައި ވޯޓުލާ މީހުންގެ ލިސްްޓާމެދު އެއްވެސް މައްސަލައެއް އުޅޭ ނަމަ، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ އެވެ. ޝަކުވާ ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމަކުންނެވެ.
ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން ކައުންސިލް އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހުމުގެ އިތުރުން އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެއީ މި އަހަރު މެއި 9ގެ ކުރިންނެވެ.