މާމެންދޫ މާރާމާރީ: އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
މާމެންދޫ މާރާމާރީ: އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

ގއ. މާމެންދޫގައި ރޭ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރަކައްޓަށް އެތައް ފަހަރަކު ހަމަލާދީ މަރާލާފައިވާ އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި ހަށިގަނޑު ބޭރަށް ފޮނުވާލުމަށް، މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެހެންވެ 17 އަހަރުގެ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ އާއިލާއިން އެދިގެން ކަމެއް ނޭނގެ އެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އުދައްޔު މަރުވި މައްސަލައާ ގުޅިގެން މިހާތަނަށް، ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާ މަރުވީ، މާމެންދޫގައި ރޭ ހިންގި ދެ ވަނަ މާރާމާރީގަ އެވެ. އެންމެ ފުރަތަމަ މާރާމާރީގައި އުދައްޔު އާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރު ވެސް ބައިވެރިވި އިރު، އޭނާ މަރުވީ އޭގެ ބަދަލު ހިފުމަށް ދިން ހަމަލާތަކުގަ އެވެ. އެ މާރާމާރީގައި ފިރުޝާނަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އޭނާގެ ހާލު ސީރިއަސް އެވެެ.

މި އަނިޔާވެރި ހަމަލާގެ މައްސަލަ ބަލަން ފުލުހުންގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.