09 ފެބުރުއަރީ 2021 - 16:41

ބުރަކައްޓަށް އެތައް ފަހަރަކު ވަޅި ހަރައި، ގއ. މާމެންދޫގައި ރޭ މަރާލި އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްވައިފި އެވެ.
އުމުރުން 17 އަހަރުގެ އުދައްޔު މަރާލީ، ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް، ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވި ގޮތުގައި ހައްގަކާ ނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ. އަދި ކުށެކެވެ. ރާއްޖޭގެ ފަސްގަނޑުގައި މި ފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހައްމަލް ކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
''އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ، އިންޝާﷲ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި މާރާމާރީއެއްގައި އެއްވެސް މީހަކު މަރައެއް ނުލަ އެވެ.
މި އަނިޔާވެރި ހަމަލާގެ މައްސަލަ ބަލަން ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އުދައްޔު މަރުވީ، މާމެންދޫގައި ރޭ ހިންގި ދެ ވަނަ މާރާމާރީގަ އެވެ. އެންމެ ފުރަތަމަ މާރާމާރީގައި އުދައްޔު އާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރު ވެސް ބައިވެރިވި އިރު، އޭނާ މަރުވީ އޭގެ ބަދަލު ހިފުމަށް ދިން ހަމަލާތަކުގަ އެވެ. އެ މާރާމާރީގައި ފިރުޝާނަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އޭނާގެ ހާލު ސީރިއަސް އެވެެ.