ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް
ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް

އުމްރާނީ ތަރައްގީގެ ދާއިރާގައި ރާއްޖޭގެ އެންމެ އިސް ސަފުގައި މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރު އެމްޓީސީސީގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހުވަފެންތައް ހަގަގީތަކަށް ހަދައިދިނުމެވެ. ބަނދަރާއި، ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތެރެއިންނެވެ.

ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް
ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް

އެއާޕޯޓް ތަރައްގީ ކުރުމާއި މަގު ހެދުމުގެ މަސައްކަތުންނެވެ. ބަނދަރު ހެދުމާއި ފަޅު ފުންކުރުން ފަދަ މަސައްކަތްތައް 1990ގެ އަހަރުތަކުގެ ތެރޭގައި ތައާރަފުވި ކަމުގައިވިޔަސް، އެއާޕޯޓް ތަރައްގީ ކުރުމާއި، މަގު ހެދުމުގެ ދާއިރާގެ ތެރެއަށް ކުންފުނިން ވަނީ މި ފަހުންނެވެ. އެމްޓީސީސީއިން ވަނީ މި ދާއިރާތަކަށް އައު ޓެކްނޮލޮޖީ އާއި ހުނަރު ތައާރަފްކޮށް، އެ މަސައްކަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. ރާއްޖޭގެ މާހައުލުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން، މަޝްރޫއުތަކަށް ތައްޔާރުވުމުގަ އާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ އަމިއްލަ އުސޫލުތަކާއި އަމިއްލަ މިންގަނޑުތަކެއް އެމްޓީސީސީން އެކުލަވާލި އެވެ.

ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް
ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް

ކޮންމެ މަޝްރޫއެއްގެ ތަޖުރިބާގެ އަލީގައި އެމްޓީސީސީގެ މަސައްކަތް ހިންގާ ގޮތް އިތުރަށް ފުރިހަމަކުރަމުން ގެންދެ އެވެ. ގޮތުން ޑިސެމްބަރު 30، 2020 ގައި، ޏ. ފުވައްމުލަކުގެ ރިންގް ރޯޑު ޒަމާނީ ފެންވަރަކަށް ހަދާއި ނިންމާލެވުމަކީ ވެސް ކުންފުނީގެ ތަޖުރިބާގެ ސަފްހާއަށް އިތުރުވި އައު ބާބެކެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ލިބުނު ލުއިފަސޭހައެކެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކުގެ މަލަމައްޗަށް އައި އިތުރު ފަރިކަމަކާއި ނަލަކަމެކެވެ.

ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް
ރީތި ފުވައްމުލަކުގެ ރީތި މަގުތައް: އެމްޓީސީސީގެ ބުރަ މަސައްކަތް

ރާއްޖޭގެ ދެކުނުން ގދ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދު އޮންނަ ފުވައްމުލަށް ސިޓީއަކީ އެކަހެރިކޮށް އަދި އެއްފަސްގަނޑަކަށް އުފެދިފައިވާ އެއް އަތޮޅެކެވެ. އަށް އަވަށަކަށް ބެހިފައިވާ މި ރަށުގައި 14،000 އެއްހާ މީހުން ދިރިއުޅެ އެވެ. ތަރައްގީގެ ރޮނގުން ބަލާއިރު ފުއައްމުލައް ހިމެނޭނީ ރާއްޖޭގެ އެންމެ ތަރައްގީ ރަށްތަކުގެ ތެރޭގަ އެވެ. ރާއްޖޭގެ އެއް ރަށަކުން އެންމެ ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބެން އޮތް އެއް ރަށަކީ ވެސް ފުއައްމުލަކެވެ. މިއީ މީހުން އާބާދުވުމަށް ބިމުގެ ގޮތުން ޖާގަ ތަނަވަސް، ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތަކާއި ފަތުރުވެރިކަމަށް ވެސް އިންވެސްޓްކުރަން ފުރުސަތު އޮތް ރަށެކެވެ.

ފުއައްމުލަކުގެ ބޮޑެތި މަގުތަކުގައި އެއްޒަމާނެއްގައި އެންމެ ގިނައިން ދުއްވަމުން އައީ ބައިސްކަލެވެ. ނަމަވެސް ޒަމާނީ ބަދަލާ އެކު ސައިކަލު ދުއްވާ މީހުންގެ އަދަދު އިތުރުވެގެން ދިޔަ އެވެ. އަދި 2003ގައި ލަފާފުރަން ފަސޭހަ ބަނދަރެއް ރަށުގަ ގާއިމްވުމާ އެކު ނިސްބަތުން ރަށުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވި އެވެ. ނަމަވެސް ރަނގަޅަށް ހަދާފައިވާ މަގުތައް ނެތުމާ އެކު، އާންމުންނަށް އުނދަގޫވުމުގެ އިތުރުން ރަށުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވެސް އިތުރެވެ.

ވާރޭކޮޅެއް ވެހިލާއިރަށް ފެން ނުހިނދި އެތައް ދުވަހެއް ވެ އެވެ. ފެން ހިނދުމަށް ފަހު ވެސް އޮންނަ ބޮޑެތި އަޑިގުޑަންތަކުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިވެ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑެވެ.

ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާނެ ދުވަހަކަށް އެ ރަށުގެ ރައްޔިތުން ކުރަމުން އައި އިންތިޒާރަށް ނިމުން އައީ މާޗު 27، 2019ގައި، ސަރުކާރުން ފުވައްމުލަށް ރިންގް ރޯޑް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުންނެވެ. މި މަޝްރޫއުގެ ދަށުން، 2،950 މީޓަރުގެ ހިނގާ ސަރަހައްދަކާއި، 20،650 އަކަމީޓަރުގެ ދުއްވާ ސަރަހައްދަކާއި، 4،425 އަކަމީޓަރުގެ ޕޭވްމެންޓެއް ހަދާއި، މަގުބައްތި ހަރުކޮށް މަގުމަތީ ނިޝާން ވެސް ވަނީ ޖަހައިފަ އެވެ.

މަސައްކަތް ނިންމާލެވުނުއިރު ފުވައްމުލަކުގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ވަނީ ތަރައްގީކޮށްފަ އެވެ. އެ މަގުތައް ހަދާފައި އެވަނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. އެމްޓީސީސީގެ އަމާޒަކަށް ހެދީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުންގެ މަޝްވަރާގެ މަތިން މަޝްރޫޢުތައް ކުރިއަށް ގެންދާށެވެ. ފުވައްމުލަކު ރިންގް ރޯޑް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އައިއިރު، ރަށުގެ ރައްޔިތުންގެ އެއްބާރުލުން އެމްޓީސީސީގެ ޓީމަށް ފުރިހަމައަށް ލިބުނެވެ. މަޝްރޫއުގެ މަސައްކަތުގައި ފުވައްމުލަކުގެ 30 މީހަކަށް ވަޒީފާ ލިބުނެވެ. މިއީ ކޮވިޑްގެ ދަތި ހާލަތުގައި ފުވައްމުލަކު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވައިދީ، ރަށުގެ އިގްތިސާދު ރަނގަޅުކުރަން އެމްޓީސީސީއަށް ކޮށްދެވުނު ހެޔޮ ކަމެކެވެ.

ކޮވިޑް-19ގެ ދަތި ދުވަސް ވަރު ފުއައްމުލަކު ރިންގް ރޯޑް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވި އެވެ. މެޓީރިއަލް ގެނައުމުގައި ގިނަ ދަތިތަކެއް ދިމާވި އެވެ. ހާއްސަކޮށް ޕޭވްމަންޓް ބްލޮކް ގެންނަން އެޅުނު ހުރަސްތަކެވެ. އޯޑަރު ކޮށްފައި ހުރި މުދާ ބާޖްތަކަށް ބަރުކޮށްފައި މަސް ދެ މަސް ވަންދެން ބަހައްޓަން ޖެހުނެވެ. ނަމަވެސް "ތިމަންމެންނަކަށް ނުވިއޭ" ކިޔާފައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މަސައްކަތް ހުއްޓާލުމަކީ އެމްޓީސީސީގެ އުސޫލެއް ނޫނެވެ.

ދަތިތަކާ ހުރަސްތަކާ އެކު ވެސް ކުންފުނިން މަސައްކަތް ފުރިހަމަ ކުރި އެވެ. އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި 2020އަކީ އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ހިމެނުމަކީ އޭގެ އަލިގަދަ ދަލީލެކެވެ. ފުވައްމުލަކު ރިންގް ރޯޑު މަޝްރޫއާ އެކު ވޭތުވެދިޔަ އަހަރު ކުންފުނިން 34 މަޝްރޫއުއެއް ނިންމި އެވެ. މިއީ އެމްޓީސީސީގެ ދިގު ތާރީޚުގައި ވެސް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއު ނިންމި އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދިމާވި ދަތިތަކާ އެކު ވެސް ވަރުބަލިކަމެއް ނެތި އެމްޓީސީސީގެ ޓީމުން ދެއްކި ހިތްވަރަށް ތަޢުރީފު ހައްގެވެ.

މިއަދު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިއްމު ބައިވެރިޔާ އެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ރައްޔިތުންގެ ކުންފުންޏެވެ.

ފުވައްމުލަކު ރިންގް ރޯޑު މަޝްރޫއުން ނިމުން ގެނެސްދެނީ އެ ރަށު ރައްޔިތުން ޒަމާނުއްސުރެ ތަހައްމަލު ކުރަމުން ދިޔަ ދަތިތަކަށެވެ. އެއީ ނަލަ، ރީތި ފުވައްމުލަކުގެ މަލަމައްޗަށް ލިބުނު އިތުރު ހިތްގައިމުކަމެކެވެ.