09 ފެބުރުއަރީ 2021 - 14:59

ނިއު ދިއްލީ (ފެބްރުއަރީ 9) - އިންޑިއާގެ އުތުރުގައި މާސިންގާ ގަނޑުފެންގަނޑެއް ފަޅައިގެން ގޮސް ކޯރަކަށް ވެއްޓި، ފެންބޮޑުވުމުން ހިނގި ހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ އަދި 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު އޭގެ ތެރޭން ސަލާމަތްވި އެކަކީ ރާޖޭޝް ކުމާރެވެ.

އުއްތަރަކަންޑް ސްޓޭޓުގައި ކޯރުގައި ފެންބޮޑުވުމާ އެކު ޑޭމެއް ފަޅައިގެން ދިއުމާ އެކު އެ ސަރަހައްދާ ކައިރީގައި ހައިޑްރޯއިލެކްޓްރިކް ޕަވާ ކޮމްޕްލެކްސްގައި ކުމާރާއި އޭނާގެ ޓީމު މަސައްކަތް ކުރަމުން ދިޔައީ ޓަނަލްގެ 300 މީޓަރު (1،000 ފޫޓް) އެތެރޭގަ އެވެ.
"ކުއްލިއަކަށް ހަޅޭކުގެ އަޑުގަދަވެގެން ދިޔައީ. އެންމެން ވެސް ގޮވަމުން ދިޔައީ އަހަރެމެން ބޭރަށް ނުކުތުމަށް. އަހަރެން ހީކުރީ އަލިފާނުގެ ހާދިސާއެއް ހިނގީ ކަމަށް. އެހެންވެ އަހަރެން ވެސް ސަލާމަތްވުމަށް ދުވަން ފެށީ. އެކަމަކު އޭރު ފެންގަނޑު އަހަރެމެންނާ އަރާހަމަވެއްޖެ. ހީވަނީ ހޮލީވުޑުގެ ފިލްމެއްހެން،" އުމުރުން 28 އަހަރުގެ ކުމާރު ހޮސްޕިޓަލްގައި އޮވެ ބުންޏެވެ.
ކުމާރާއި އޭނާގެ ރަހުމަތްތެރިން ތިބީ ޓަނަލް ތެރޭގައި ހުރި ދަގަނޑުތަކެއްގައި ހިފަހައްޓައިގެންނެވެ. އޭރު ފެންގަނޑުގެ މައްޗަށް އެ މީހުންގެ ބޯ ކިރިޔާ ހިއްލެނީ އެވެ. އެ ގޮތުގައި އެ މީހުން ހަތަރު ގަޑިއިރުވަންދެން ތިއްބެވެ.
ކުމާރު ބުނި ގޮތުގައި އެ މީހުން ސަލާމަތްވީ ދަގަނޑުތަކުން އަތް ދޫނުކޮށް ތިބުމުންނެވެ. ޓަނަލް ތެރޭން ދެމެމުންދިޔަ ފެންގަނޑުގެ ޕްރެޝަރު ދަށްވެ ފެން ހިނދެން ފެށުމުން ކުމާރުމެން ބެލީ ބޭރަށް ނުކުމެވޭތޯ އެވެ. ބޭރުން އަލި ފެންނަ ދިމާލަކަށް އެ މީހުން މިސްރާބު ޖެހި އެވެ. އެ ހިސާބަށް ދިއުމުން އޭގެ ތެރޭން އެކެއްގެ ފޯނަށް ސިގްނަލް ލިބުނެވެ. ވަގުތުން އެހީއަށް އެ މީހުން އެދުނެވެ. އެ ހިސާބުން އެ މީހުން ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.