09 ފެބުރުއަރީ 2021 - 14:52

އައްޑޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ އެއް އަވަށުން އަނެއް އަވަަށަށް ދަތުރުކުރުން މަނާކޮށް ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ މޮނިޓަރިން ވެސް އަށް ލާފައިވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށެވެ. އައްޑޫގެ ބޮޑު ބަޔަކީ އެއްފަސްކޮށް ގުޅިފައި އޮންނަ ތަނެކެވެ. އެގޮތުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި އެއާޕޯޓް އޮންނަ ގަމަކީ ގުޅިފައިވާ ސަރަހައްދެވެ.
އައްޑޫގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ދެން ހިމެނެނީ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްނުކުރުމާއި އޮފީސްތައް އާއްމު ހިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ހިދުމަތް ދިނުމާއި ސްކޫލްތަކުގެ ކޮންޓެކް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުމާއި ސެލޫން/ޖިމްތައް ބަންދުކުރުމާއި ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމާއި ޕާޓީތަކާއި ހަފުލާތަކާއި ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމާއި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ނަމަ، ޓެކްސީ އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމެވެ.
ކައުންސިލުން ބުނީ މި ފިޔަވަޅުތައް އަޅަން ނިންމީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށްވާތީ ހުރިހާ އެންމެން ވެސް އެކަންކަމަށް ތަބާވާން ޖެހޭނެ ކަމަށެވެ.
އައްޑޫގައި އިއްޔެ ހަވީރުން ފެށިގެން ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް ފިހާރަތައް ހަމަ ކުރިއެކޭ އެއްގޮތަށް އެކަމަކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުޅުވައިގެން ހިދުމަތް ދެވޭނެ އެވެ.
އައްޑޫގެ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަގުތު 50 އަށް އަރަ އެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ކްލަސްޓާއެކެވެ. އެއީ ބިދޭސީންތަކެއް ޕޮޒިޓިވްވި ހުޅުމީދު ކްލާސްޓާ އާއި އޭވިއޭޝަން ކޮމާންޑާ ގުޅުން ހުރި ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާ އެވެ.