އެކްޓަރު ރަޖީވް ކަޕޫރް މަރުވެއްޖެ
އެކްޓަރު ރަޖީވް ކަޕޫރް މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ކަޕޫރް ޚާންދާނަށް ނިސްބަތްވާ އެކްޓަރު ރަޖީވް ކަޕޫރް މިއަދު މަރުވެއްޖެ އެވެ.

އެކްޓަރު ރަޖީވް ކަޕޫރް މަރުވެއްޖެ
އެކްޓަރު ރަޖީވް ކަޕޫރް މަރުވެއްޖެ

ރަޖީވަކީ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ ތިން ފިރިހެން ދަރިންގެ ތެރެއިން ހަގު ދަރިފުޅެވެ. ރަޖީވަކީ ބަތަލާއިން ކަމަށްވާ ކަރިޝްމާ އާއި ކަރީނާ ކަޕޫރްގެ ބައްޕަ ރަންދީރް ކަޕޫރާއި މިދިޔަ އަހަރު ލޭގެ ކެންސަރުގައި މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ ކޮއްކޮ އެވެ.

ރާޖް ކަޕޫރަށް ލިބުނު ފަސް ކުދިންގެ ތެރޭގައި ދެން ހިމެނީ ރީމާ ކަޕޫރާއި ރީތޫ ނަންދާ އެވެ. ރީތޫ ވެސް މިދިޔަ އަހަރު މަރުވެފައިވާ އިރު ރީމާ އަކީ އެކްޓަރުން ކަމަށްވާ އާދާރު އާއި އަރުމާން ޖެއިންގެ މަންމަ އެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ އަށް ނިސްބަތްވާ އާއިލާގެ އިސް މީހުންގެ ގޮތުގައި މިހާރު ތިބީ ރަންދީރާއި ރީމާ އެވެ.

މީޑިއާތަކުން ބުނީ ރަޖީވް، 58، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އޭނާ މަރުވި އިރު ދަރިއަކު ނެތެވެ. އަދި ކުރި ހަމައެކަނި ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ. ރަޖީވް އާއި އާރްތީ ސަބަރްވާލް 2001 ގައި ކުރި ކައިވެނީި ރޫޅުނީ 2003 ގަ އެވެ.

ރަޖިވަކީ ފިލްމު ކުޅުނު ނަމަވެސް އާއިލާގެ އެހެން މެމްބަރުންނަށް ލިބުނު ވަރުގެ މަޝްހޫރުކަމަކާއި މަގުބޫލު ކަމެއް ލިބުނު އެކްޓަރެއް ނޫނެވެ. އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ބައްޕަ ރާޖް ކަޕޫރް 1985 ގައު ގެނެސްދިން "ރާމް ތޭރީ ގަންގާ މޭލީ"' އެވެ.

ރަޖީވް މަރުވި އިރު އޭނާ އޮތީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ޕްރޮޑިއުސްކުރާ ފިލްމަކަށް ސޮއި ވެސް ކޮށްފަ އެވެ. އެއޫ "ތޫލްސިޑަސް ޖޫނިއާ" އެވެ.

ރަޖީވަކީ ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން ބޭބެ ރިޝި އާއި މަދޫރީ ޑިކްސިޓް 1996 ގައި ކުޅުނު "ޕްރޭމް ގްރާންތު" އަކީ ރަޖީވް ޑައިރެކްޓްކުރި ފިލްމެކެވެ.

އޭނާގެ މަރާ ގުޅިގެން ހިންދީ ސިނަމާގެ ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.