09 ފެބުރުއަރީ 2021 - 12:29

ގއ. މާމެންދޫގައި ދެ ގްރޫޕަކުން ރޭ ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖަކު މަރާލިއިރު އެ ރަށުގައި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަ ބޮޑު ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ރަށުގެ ދެ ގްރޫޕެއްގެ ދެމެދުގައި ދެ ފަހަރަށް ރޭ މާރާމާރީ ހިންގައި އަހްމަދު އުދައްޔު މަރާލައި އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ރޭ ހަމަލާދިނެވެ. މި މަރުން މުޅި ރަށަށް އޮތީ ހާސްކަން ވެރިވެފަ އެވެ. މާރާމާރީއާ ގުޅިފައި ވަނީ މަސްތުވާތަކެއްޗާ ކަމަށް ރަށުގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.
އާބާދީގައި ގާތްގަނޑަކަށް 1،500 މީހުން ދިރިއުޅޭ މާމެންދޫގެ ކައުންސިލަރަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، "މިހާރު"އަށް ވިދާޅުވީ އެ ރަށުގައި ކުށުގެ ވެށި ބޮޑުވެ ހާލަތު ގޯސްވެފައިވާ މައްސަލަ ތަކުރާރުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ހައްލެއް ނުލިބި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"ފުލުހުންނަށް އެކި ފަހަރު މަތިން ހުށަހަޅައި މި ކަންބޮޑުވުން ހޯމް މިނިސްޓަރާ ހަމައަށް ވެސް ގެންދިޔައިން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި ފުލުހުންނަށް އެ ރަށް، އެކަށީގެންވާ ގޮތެއްގައި މޮނިޓާއެއް ނުކުރެވެ އެވެ. އެކަމަކު އެ ރަށުގައި 6-7 ފުލުހުން އަބަދުވެސް ތިބޭ ކަމަށް ކައުންސިލުން ބުނެ އެވެ. ކުޑަ އާބާދީއަކާ އަޅާބަލާއިރު އެ ރަށުގައި ތިބޭ ފުލުހުންގެ އަދަދު އެހެން ބައެއް ރަށްރަށަށް ވުރެ ނިސްބަތުން ގިނަ އެވެ.
އެ ފުލުހުން ނިސްބަތްވަނީ އެ ރަށަކަށް ވެސް ނޫނެވެ. ކުށްތައް ގިނަ ރަށްތަކުގައި މައްސަލަ ބޮޑުވަނީ އެ ރަށަކަށް ނިސްބަތްވާ ފުލުހުން ޑިއުޓީކުރާތީ ކަމަށް ބުނެ ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.
"މި ރަށުގައި ފުލުހުން ތިބޭ، އެކަމަކު ކުށްކުރުން އޮތީ ކަންބޮޑުވާ ހިސާބުގައި،" ކުރިން ވާހަކަ ދެއްކި ކައުންސިލަރު ވިދާޅުވި އެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމެވެ. ކައުންސިލުން އެދެނީ މައްސަލައަށް އަވަސް ހައްލެކެވެ.