09 ފެބުރުއަރީ 2021 - 12:26

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކޮވިޑް ވެކްސިން ޖަައްސަވައިގެން، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ނަމޫނާ ދައްކަވައިފި އެވެ.
ޑރ. ވަހީދު ވެކްސިން ޖެއްސެވީ މިދިއަ އާދިއްތަދުވަހު އެވެ. ރާއްޖޭގައި ވެސް މިހާރު ބާރަށް ފެތުރެމުން ދާ ކޮވިޑް ބަލީގެ ހިމާޔަތެއްގެ ގޮތުގައި ބެލެވޭ ވެކްސިން ޑރ. ޖަމީލް ޖެއްސެވީ މިއަދު ހެނދުނު އެވެ.
ޕީޕީއެމްގެ އެޑްވައިޒަރުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ވެކްސިން ޖެއްސެވުން، އެ ޕާޓީގެ ސަޕޯޓަރުންނަށް ނަމޫނާއަކަށް ވަނީ، މިހާރު ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިނާ ދެކޮޅަށް އިންތިޒާމީ ގޮތެއްގައި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތީ އެވެ. އެކަމަކު ވެކްސިންއާ ބެހޭ ނުބައި ވާހަކަތަކެއް މި ދެ ބޭފުޅުން އެއްވެސް އިރެއްގައި ދައްކަވާފައެއް ނުވެ އެވެ.
ޕީޕީއެމްގެ ކޯލިޝަނުން ކޮވިޝީލްޑާ ދެކޮޅަށް ދައްކާ ވާހަކަތަކުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް ހުއްޓެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ކޮވިޝީލްޑަކީ، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވަސިޓީ އާއި އަސްޓްރަޒަނެކާ ގުޅިގެން ހެދި ވެކްސިން ނޫން ކަމަށް ބުނުމެވެ. ނަމަވެސް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ކޮވިޝީލްޑަކީ، އޮކްސްފަޑް އާއި އަސްޓްރަޒެނަކާގެ ވެކްސިނެވެ.
ޑރ. ވަހީދުގެ ދެކަނބަލުން ވެކްސިން ޖެއްސެވުމަށް ފަހު އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފުރާނަ އާއި އާމްދަނީ ރައްކާތެރިކުރުމުގެ ގޮތުން އެންމެންނަށް ވެސް އަޅުގަނޑު ހިތްވަރުދެނީ ވެކްސިން ޖެހުމަށް" ކަމަށެވެ.
ޑރ. ވަހީދަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އިންސާނީ އެހީ ފޯރުކޮށްދެއްވުމުގައި އދ.ގެ ފަރާތުން އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ބަލިމަޑުކަން ފަދަ ކަންކަމުން އިންސާނުން ސަލާމަތްވާން އަޅަން ޖެހޭ ޒަމާނީ އެއްވެސް ފިޔަވަޅަކަށް އެ މަނިކުފާނު ދެކޮޅެއް ނުހައްދަވަ އެވެ. އަދި އެފަދަ މަސައްކަތްތަކަށް ނުބައި އަސަރެއް ފޯރާނެ ފަދަ ވާހަކަފުޅުތަކެއް ވެސް ނުދައްކަވަ އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު ވެސް ވެކްސިިން ޖަހަން އާންމުން ބިރުގަންނާނެ ފަދަ އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެ އެވެ. އެކަމަކު ޔާމީނަށް އިއްވާފައިވާ ހުކުމާއި މިހާރު ކުރިއަށް ގެންދާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ސިޔާސީ ގޮތުން ވަރަށް ފާޅުކޮށް ފާޑުކިއުއްވަ އެވެ.
ކޮވިޑުން ރައްކާތެރިވާން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޕީޕީއެމް ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި، ރައްޔިތުންނަށް ގޮވާލައްވާ އިރު ވެކްސިންގެ ވާހަކައެއް ނާދެ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އިނގިރޭސި ވިލާތާއި ސައުތު އެފްރިކާ ކަހަލަ ގައުމުތަކުގައި ކޮވިޑް މާ ބޮޑަށް ފެތުރެން ދިމާވެފައިވާ ވޭރިއަންޓް ފަދަ ކޮރޯނާވައިރަސްގެ ބަދަލުވެފައި ހުންނަ ބާވަތްތަކުގެ ސަބަބުން ބަލި މާ އަވަހަށް ފެތުރި އަދި ނުރައްކާ ބޮޑުވާތީ އެކަމަށް ސަމާލުވާން އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. އެކަމަކު އެ ޓްވީޓްގައި ވެކްސިންގެ ވާހަކައެއް ނުގެންނަވަަ އެވެ. އެހެންކަމުން ޕީޕީއެމް ކޯލިޝަންގެ އިސް ބައެއް ބޭފުޅުން އަދިވެސް ފާޅުގައި ވެކްސިނަށް ހިތްވަރު ދެއްވާ ތަނެއް ނުފެނެ އެވެ.