ސްނެޕްޗެޓަށް އަންނަ އާ ފީޗާ އަކީ "ފްރެންޑް ޗެކަޕް"
ސްނެޕްޗެޓަށް އަންނަ އާ ފީޗާ އަކީ "ފްރެންޑް ޗެކަޕް"

އާންމުންގެ މެދުގައި މަގުބޫލު ސްނެޕްޗެޓަށް "ފްރެންޑް ޗެކަޕް" ގެ ނަމުގައި އާ ފީޗާއެއް ގެންނަން ތައްޔާރުވެއްޖެ އެވެ.

އެންމެ ފުރަތަމަ އެންޑްރޮއިޑް ޑިވައިސްތަކަށް ދޫކޮށްލާ މި ފީޗާ އަކީ ފްރެންޑް ލިސްޓްގައި ހިމެނޭ މީހުންނަކީ ސީދާ ތިމާގެ އަސްލު ރައްޓެހިންކަން އިތުރަށް ކަށަވަރުކޮށް ދިނުމެވެ. ނޫން ކަމަށްވާ ނަމަ "ފްރެންޑް ޗެކަޕް ފީޗާ" ގެ އެހީގައި ފްރެންޑް ލިސްޓްގައި ހިމެނޭ މީހުންނަށް ފާރަވެރިވާން އެހީއަކަށްވާނެ އެވެ.

ފްރެންޑް ލިސްޓްގައި ހިމެނޭ މީހުންނަކީ އެ މީހެއްގެ ސްޓޯރީ އާއި އަދި ސްނެޕްޗެޓް މެޕް މެދުވެރިކޮށް ލޮކޭޝަން ވެސް އެނގޭނެ ބަޔަކަށްވާތީ އާ ފީޗާއިން، ސްނެޕްޗެޓް ބޭނުންކުރާ މީހުންނަށް އިތުރު ރައްކާތެރި ކަމެއް ލިބޭނެ ކަމަށް ބުންޏެވެ.

"ފްރެންޑް ޗެކަޕް" ދޫކޮށްލަން އުޅޭކަން ސްނެޕްޗެޓުން އިއުލާންކުރި ނަމަވެސް ސީދާ ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. އެކަމަކު މަދު ހަފުތާތަކެއްގެ ތެރޭގައި ފީޗާ އެންޑްރޮއިޑަށް އަންނާނެ ކަމަށް ބުންޏެވެ.

ސްނެޕްޗެޓުން ބުނީ އައިއޯއެސް ބޭނުންކުރާ މީހުންނަށް ފީޗާ އަންނަން އަދި މަސްތަކެއް ނަގާނެ ކަމަށެވެ.

ދެހާސް އެގާރައިގަ ވުޖޫދަށް އައި ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 250 މިލިއަނާ ގާތްކުރެ އެވެ.