09 ނޮވެމްބަރ 2016 - 08:58

މެޑްރިޑް (ނޮވެމްބަރު 9) – ރެއާލް މެޑްރިޑުގެ މުހިއްމު މިޑްފީލްޑަރު ޓޯނީ ކްރޫސްގެ ކަނާތުގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ގުޅިގެން އޭނާ އަށް މުހިއްމު މެޗުތަކެއް ގެއްލޭނެކަން ކަށަވަރުވެއްޖެ އެވެ.
ރެއާލް މެޑްރިޑުން ބުނީ މޮޑްރިޗަށް އަނިޔާވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ލެގަނެސް އަތުން 3-0 އިން ރެއާލް މޮޅުވި މެޗުގައި ކަމަށެވެ. އެކަމަކު އޭނާ އެ މެޗުގައި ފުލްކޮށް ކުޅުނުއިރު އަނިޔާވެފައިވާކަން އެނގުނީ ޖަރުމަން ކޭމްޕާ ގުޅުމަށް ފަހު ހެދި ޓެސްޓްތަކަކުންނެވެ.
ކްރޫސް އަށް އެނބުރި އާދެވޭނެ ދުވަހެއް ކްލަބުން ބުނެފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ރިކަވާވާން މަދުވެގެން ހަ ހަފުތާ ނަގާނެ އެވެ. މީގެ ކުރިން ރެއާލް މެޑްރިޑުގެ މާސެލޯއަށް މިފަދަ އަނިޔާއެއްވެ ތިން މަސް ދުވަހު އަދި ޖޭމްސް ރޮޑްރިގޭޒް ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
އެހެންވެ އޭނާ އަށް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލިފައިވާއިރު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.
މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނުން ހުކުރު ދުވަހުގެރޭ ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗާއި އަންގާރަ ދުވަހުގެރޭ އެކުވެރިކަމުގެ މެޗެއްގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.
ރެއާލުގެ އަނެއް ދެ މިޑްފީލްޑަރުން ކަމަށްވާ ލޫކާ މޮޑްރިޗާއި ކަސެމިރޯ އަށް އަނިޔާވެފައިވާތީ ރެއާލް އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް ކްރޫސް ވަނީ 90 މިނެޓު ކުޅެފަ އެވެ. ކްރޫސަށް އަނިޔާވި އިރު މޮޑްރިޗް ވަނީ ފިޓްވެފަ އެވެ. އަދި ކަސެމިރޯ ވެސް އިންޓަނޭޝަނަލް ބްރޭކަށް ފަހު ކްލަބް ފުޓްބޯޅަ އަލުން ފަށަންވާއިރަށް ފިޓްވާނެ އެވެ.