09 ފެބުރުއަރީ 2021 - 11:52

އެސްއެމްއީތައް ޕްރޮމޯޓްކުރަން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އުފައްދާ ޓީވީ ޗެނަލް "މޯލްޑިވްސް ބިޒްނަސް ނެޓްވޯކް" އަށް ބްރޯޑްކާސްޓިން ލައިސަންސް ދޫކޮށްފި އެވެ.
ބީސީސީގެ ފަރާތުން ބްރޯޑްކާސްޓްކުރާ މި ޓީވީ ޗެނަލްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ހިމެނެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ އާންމު ރައްޔިތުންގެ އިގްދިސާދީ އަދި މާލީ ހޭލުންތެރިކަން އިތުރު ކުރުމެވެ. ބީސީސީން ބުނީ މޯލްޑިވްސް ބިޒްނަސް ނެޓްވޯކް މެދުވެރިކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މައުލޫމާތުތަކާއި ވިޔަފާރީގެ ނަފާ އިތުރުކޮށް ދެމެހެޓެނިވި ގޮތެއްގައި ވިޔަފާރިކުރުމަށް ބޭނުންވާ ފަންނީ އިރުޝާދާއި މައުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ފަށާ މި ޓީވީ ޗެނަލްގެ ކޮންޓެންޓުގެ ތެރޭގައި ވިޔަފާރި އާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތަކާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ވިޔާފާރި އާއި ޓެކްނޮލޮޖީ، ވިޔަފާރި އާއި ކުޅިވަރު، އަދި ވިޔަފާރިއާ ގުޅުންހުރި މުނިފޫހިފިލުވުގެ ޕްރޮގްރާމްތައް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.
މި ޗެނަލް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދީ ވޯލްޑް ބޭންކުންނެވެ. ބީސީސީއަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތަކާއި ހިދުމަތްތައް ފޯރުކޮށްދީ ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރުމެވެ.