އިންޓަގެ އާ ކޯޗަކަށް ޕިއޯލީ ހަމަޖައްސައިފި
އިންޓަގެ އާ ކޯޗަކަށް ޕިއޯލީ ހަމަޖައްސައިފި

މިލާން (ނޮވެމްބަރު 9) – އިންޓަ މިލާނުގެ އާ ކޯޗަކަށް ލާޒިއޯގެ ކުރީގެ ކޯޗު އިޓަލީގެ ސްޓެފާނީ ޕިއޯލީ ހަމަޖައްސައިފި އެވެ.

އިންޓަ އިން އާ ކޯޗެއް ހަމަޖެއްސީ ނަތީޖާތައް ދަށްވުމާ ގުޅިގެން ފްރޭންކް ޑި ބޮއާ މަގާމުން ވަކިކުރުމަށް ފަހު އެވެ. ޕިއޯލީ ވަނީ އިންޓައާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ޕިއޯލީގެ ކޯޗުކަމުގެ ދަށުން އިންޓަ ކުޅޭ ފުރަތަމަ މެޗަކީ މި މަހުގެ 20 ވަނަ ދުވަހުގެރޭ ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ. ޕިއޯލީ އަކީ، އިންޓަ އަށް 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ހޯސޭ މޮރީނިއޯ އަށް ފަހު އެ ކްލަބަށް ހަމަޖެއްސި ނުވަ ވަނަ ކޯޗެވެ.

ކުރިން ޕާމާ އާއި ޕަލޭމޯ އާއި ބޮލޯނިއާ އަށް ކޯޗުކޮށްދީފައިވާ ޕިއޯލީ އެންމެ ފަހުން މަސައްކަތްކުރީ ލާޒިއޯގަ އެވެ. އެ ކްލަބުން އޭނާ އޭޕްރިލް މަހު ވަކިކުރުމުން މިހާތަނަށް ހުރީ ވަޒީފާއެއް ނެތި އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސްއާ އެކު އިޓާލިއަން ލީގާއި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވީ ނަމަވެސް ކޯޗެއްގެ ގޮތުގައި ބޮޑު ކާމިޔާބެއް ލިބިފައެއް ނެތެވެ.

ޕިއޯލީ އިންޓައާ ހަވާލުވިއިރު އެ ޓީމު އޮތީ 17 ޕޮއިންޓާ އެކު އިޓާލިއަން ލީގުގެ ނުވަ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ޔުވެންޓަސްއާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޔުރޮޕާ ލީގުގައި އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ.

ޗައިނާގެ ސުނިން ސްޕޯޓްސް ގްރޫޕުން ހަވާލުވެ އިންޓަ އިން ވަނީ އާ ސީޒަނަށް ދުނިޔޭގެ ފެންވަރުގެ ގިނަ ތަރިން ގެނެސްފަ އެވެ. އެކަމަކު އާޖެންޓީނާގެ އެވާ ބަނޭގާ އާއި ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޮވިޗާއި ޕޯޗުގަލްގެ ޔޮއާ މާރިއޯ އަދި ބްރެޒިލްގެ ގަބިގޯލާ އެކު ވެސް ޑި ބޮއާ އަށް ޓީމު ރަނގަޅު ހިސާބަކަށް ނުގެންދެވުނެވެ.