ލެވަންޑޯސްކީގެ ދެ ގޯލާ އެކު ބަޔާން ކްލަބް ވޯލްޑް ކަޕް ފައިނަލަށް
ލެވަންޑޯސްކީގެ ދެ ގޯލާ އެކު ބަޔާން ކްލަބް ވޯލްޑް ކަޕް ފައިނަލަށް

ދޯހާ (ފެބްރުއަރީ 9) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ދެ ގޯލުން 2-0 އިން މިސްރުގެ އަލް އަހްލީ ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިއުނިކް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ކުޅޭ ފައިނަލް މެޗުގައި ބަޔާން ބައްދަލުކުރާނީ މެކްސިކޯގެ ޓިގްރޭސްއާ އެވެ. މިއީ އުތުރު އެމެރިކާގެ ކްލަބެއް މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަަހަރެވެ.

އަލް އަހްލީގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު ރޭގެ މެޗުގައި ލެވަންޑޯސްކީ ބަޔާނަށް ލީޑުނަގައިދިނީ ސާޖް ގްނަބްރީ މެޗުގެ 17 ވަނަ މިނިޓްގައި ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޯސުއާ ކިމިޗް ދިން ބޯޅައަކުން ބަޔާންގެ ލީޑުފުޅާކުރަން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ބަޔާނަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިން ގޯލު ލެވަންޑޯސްކީ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެރޯއި ސާނޭ ދިން ބޯޅައަކުންނެވެ.

މިދިޔަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޯސްކީ ބުނީ އަލް އަހްލީ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ބަޔާނަށް ފައިދާ ނެގުނީ މެޗުގެ ކުރީ ކޮޅުގައި ލަނޑެއް ޖެހުމުން ކަމަށެވެ.

މި މުބާރާތުގެ ތަށި ބަޔާނުން އުފުލާލައިފިނަމަ އެއް ސީޒަނެއްގައި ހަ ތަށި އުފުލާލައިގެން 2009 ވަނަ އަހަރު ބާސެލޯނާ ހަދާފައިވާ ރެކޯޑާ ހަމަކުރެވޭނެ އެވެ. ބާސެލޯނާ އިން ކަލަންޑަރު އަހަރެއްގެ ތެރޭގައި ހަ މުބާރާތް ކާމިޔާބުކޮށްގެން ރެކޯޑް ހަދާފައިވާއިރު، ބަޔާނަށް ކަލަންޑަރު އަހަރެއްގެ ތެރޭގައި ހަ ތަށި އުފުލައިނުލެވުނީ ކޮވިޑް-19ގެ ސަބަބުން ކްލަބް ވޯލްޑް ކަޕް ފަސް ކުރަން ނިންމުމުންނެވެ. މި މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ ޑިސެމްބަރު މަހަށެވެ.