3،190: މިހާތަނަށް އެންމެ ގިނަ ވެކްސިން
3،190: މިހާތަނަށް އެންމެ ގިނަ ވެކްސިން

މިއަދު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ކޮވިޑް-19 ގެ 3،190 ވެކްސިން ދީފައިވާ ކަމަށާއި މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ނެގި 3،900 އަށް ވުރެ ގިނަ ސާމްޕަލުން 126 މީހުން ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، މި މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑަށް ވެކްސިން ދޭން ފެށި ފަހުން މިއަދު އިރުއޮއްސި 6:00 އާ ހަމަ އަށް ވަނީ 12،934 މީހަކަށް ވެކްސިން ދީފަ އެވެ. އެއީ މާލޭން 10،626 މީހަކަށާއި ރަށްރަށުން 2،308 މީހެކެވެ. މިއީ މާލޭގެ ހަތް ސެންޓަރަކާއި ރަށްރަށުގައި ހުރި 12 ސެންޓަރަކުން ވެކްސިން ދިން އަދަދެވެ.

ވެކްސިން ދިން ފުރަތަމަ ދުވަހު 554 މީހަކަށް ވެކްސިން ދިނުމަށް ފަހު ޖެހިގެން އައި ދުވަހު 742 މީހަކަށް އަދި އޭގެ އަނެއް ދުވަހު 1،626، މީހަކަށް ވެކްސިން ދިނެވެ. ދެން ޖެހިގެން އައި ދުވަހު ވެކްސިން ދިން އަދަދު ދަށަށް ދިޔަ އެވެ. އެއީ 1،003 އެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ ދުވަހަކު ވަނީ ވެކްސިން ދިން އަދަދު އިތުރުވެފަ އެވެ. އެއީ 2،575، 2،898 އަދި މިއަދު 3،190 އެވެ. އެހެންވެ މިއަދަކީ މިހާތަނަށް އެންމެ ގިނަ ވެކްސިން ދިން ދުވަހެވެ. މި ހުރިހާ އެންމެންނަކީ ވެސް އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ދިން މީހުންނެވެ.

ކޮވިޑް ކޭސްތައް މަދުވެފައި އޮތުމަށް ފަހު މި މަހު ކުއްލިއަކަށް އިތުރުވެފައި ވާއިރު މިދިޔަ 24 ގަޑިއިރު ތެރޭ ވެސް 126 ކޭސް އަލަށް ވަނީ ފެނިފަ އެވެ. އެއީ މިދިޔަ 24 ގަޑިއިރުގެ 3،944 ސާމްޕަލުން ޕޮޒިޓިވްވި އަދަދެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން 98 މީހުންނާއި ރަށްރަށުން 19 މީހުން ހިމެނެ އެވެ. ރިސޯޓްތަކުން ވެސް ވަނީ ނުވަ ކޭސް އަލަށް ފެނިފަ އެވެ.

މި އަދަދުތަކާ އެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16،909 އަށް ވަނީ އަރައިފަ އެވެ. މި ވަގުތު ބައްޔަށް 2،075 މީހަކު ފަރުވާ ހޯދަމުން އަންނަ އިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 204 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ބަލި ޖެހިގެން މިހާތަނަށް 55 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑް ކޭސްތައް ރާއްޖޭގެ އެކި ރަށްރަށުން މިހާރު ފެންނަމުން ދާތީ މިހާރު އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މިހާރު ރަށްރަށުން އެންމެ ގިނަ އެކްޓިވް ކޭސްތައް ހުރީ އައްޑޫގަ އެވެ. އައްޑޫގެ ދެ ކްލަސްޓާއަކާ ގުޅޭ ކޭސްތައް ފެނިފައިވެ އެވެ. އައްޑޫގެ ކްލަސްޓާއަކާ ގުޅޭ ކޭސްއެއް ގދ. ތިނަދޫން ވެސް ވަނީ ފެނިފަ އެވެ. އެހެންވެ އައްޑޫ އާއި ތިނަދޫ ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.