09 ނޮވެމްބަރ 2016 - 08:28

ލަންޑަން (ނޮވެމްބަރު 9) – އިޓަލީގެ ސަމްޕްޑޯރިއާގެ ފޯވާޑް ލުއިސް މުރިއެލް އާއި އިންޓަ މިލާނުގެ ޖެފްރީ ކޮންޑޮގްބިއާ އަށް ޗެލްސީން ޝައުގުވެރިވެ ބިޑްކުރަން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯތްތައް ބުނެފި އެވެ.
ސީޒަނުގެ ކުރީކޮޅު މައްސަލަތަކެއް ދިމާވި ނަމަވެސް ޗެލްސީން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފަ އެވެ. ފޯމް ދެމެހެއްޓުމަށްޓަކައި ޖެނުއަރީ މަހު އާ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކުރަން ކޮންޓޭ މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޗެލްސީން އަންނަނީ ކޮލަމްބިއާގެ މުރިއެލް އަށް 15 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރުވަމުންނެވެ. އެކަމަކު ސަމްޕްޑޯރިއާ އިން އޭނާ އެ އަގަށް ވިއްކާލާނެ ކަމަށް ނުބެލެވެ އެވެ.
އަނެއްކޮޅުން ކޮލަމްބިއާގެ އެހެން ކުޅުންތެރިން ކަމަށްވާ ރަޑަމެލް ފަލްކާއޯ އާއި ހުއާން ކުއަޑްރާޑޯ އަށް ޗެލްސީގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާތީ މުރިއެލް ވެސް ލަންޑަނަށް ބަދަލުވާން ބޭނުންނުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކޮލަމްބިއާ ގައުމީ ޓީމަށް 13 މެޗު ކުޅެދީފައިވާ އުމުރުން 25 އަހަރުގެ މުރިއެލް ވަނީ މި ސީޒަނުގައި 13 މެޗުން ހަ ގޯލް ޖަހައިދީ ތިން ގޯލް ޖެހުމަށް މަގުފަހިކޮށްދީފަ އެވެ.
ޗެލްސީން ދެން ގެންނަން މަސައްކަތްކުރާ ފްރާންސުގެ ކޮންޑޮގްބިއާ އަކީ އިންޓަގައި ފެއިލްވެފައިވާ ކުޅުންތެރިއެކެވެ. ފްރާންސުގެ މޮނާކޯގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ގަތުމަށް އިންޓަ އާއި އޭސީ މިލާނުން ކުރި ވަރުގަދަ ހަނގުރާމައިގައި، 30 މިލިއަން ޔޫރޯ އަށް އިންޓަ އަށް ގަތް ކުޅުންތެރިޔާ އަށް އެ ކްލަބުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
އުމުރުން 23 އަހަރުގެ ވަރުގަދަ ޑިފެންސިވް މިޑްފީލްޑަރު ގެންދަން ލިވަޕޫލުން ވެސް ދާދި ފަހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ކްލަބުން މަސައްކަތް ހުއްޓާލާފައިވާތީ ޗެލްސީ އަށް އޭނާ ގަތުމަށް އޮތީ އެހާ އުނދަގޫ މަގެއް ނޫނެވެ.