08 ފެބުރުއަރީ 2021 - 19:56

ހިއުމަން ޓްރެފިކިން ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި "މީހުން ޓްރެފިކް ކުރުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. މި ގާނޫނު އިސްލާހުކުރަން ނިންމީ، ރާއްޖެއިން އދ.ގެ "ކަންޓްރީސް އަގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" މުއާހަދާގައި ބައިވެރިވެފައިވާތީ އެވެ. އެ މުއާހަދާގައި ހިމެނޭ ގައުމުތައް ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރަން އެކުލަވާލާފައިވާ ޕްރޮޓޮކޯލްއާ އެއްގޮތަށް ގާނުނުތަކަށް ބަދަލުގެންނަން ޖެހެ އެވެ.
މި ބިލްގައި ހިމެނޭ ބައެއް އިސްލާހުތަކުގެ ތެރޭގައި، ހިއުމަން ޓްރެފިކިން އާއި ޗައިލްޑް ޓްރެފިކިން އަކީ ކޮބައިކަން ބަޔާންކުރުން ހިމެނެ އެވެ. އަދި އެކްސްޕްލޮއިޓޭޝަން ވަކި ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ. މި ކަންކަމުގައި ބައިވެރިވުމާއި މި ފަދަ ކަންކަން ރާވައި މަގުފަހިވާނެ ފަދަ އަމަލެއް ކުރުމަކީ ވެސް ކުށެއްގެ ގޮތުގައި މި ބިލްގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލްގައި ހިމެނޭ އެންމެ ފާހަގަކުރެވޭ އެއް އިސްލާހަކީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ހިއުމަން ޓްރެފިކިންގެ އަމަލަށް ސާބިތުވެއްޖެ ނަމަ އަމަލުކުރަން ޖެހޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެވެ. މިހާރު އަމަލުކުރާ ގާނޫނުގައި ބުނެފައި ވަނީ ކޯޓުން ކަނޑައަޅާ އަދަބެއްގެ އިތުރުން، އެ ކުށް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭއިރު ކުށްކުރި މީހާގެ ތަނަވަސްކަމަށް ކޯޓުން ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައި ކުށްކުރި މީހާގެ ތަނަވަސްކަމަށް ބަލަން ޖެހޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ. އަދި ބަދަލުދޭ އިރު، މިކަމުގެ ޝިކާރައަކަށްވި މީހަކަށް ލިބެންޖެހޭ އުޖޫރަ އާއި އުޖޫރައިން ބައެއް އުނިކޮށްފައިވާ ނަމަ އޭގެ ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި ޓްރެފިކް ކުރުމާއި ގުޅިގެން ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ ނުވަތަ އެ ނޫން ވެސް ގޮތަކުން ސީދާ ގެއްލުމެއް ވެއްޖެ ނަމަ ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ.
މި ކަންކަމަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. މި ކަމާ ގުޅޭ ގޮތުން ހިޔާލު ހުށަހަޅަން ބޭނުން ނަމަ އެ ދުވަހުގެ ކުރިން[email protected]އަށް އީމެއިލްކޮށް، ނުވަތަ އެކަމާ ގުޅޭ ލިޔުމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހޭނެ އެވެ.
ހިއުމަން ޓްރެފިކިންގެ ބޮޑެތި މައްސަލަތަކެއް މިދިޔަ އަހަރު ވެސް ވަނީ ފެންމަތި ވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުނިން ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ މަސައްކަތްކުރުވުމަށް ފަހު މުސާރަ ނުދިނުމުން އުފެދުނު ހަމަނުޖެހުންތަކާ އެކު ހިއުމަން ޓްރެފިކިން އަށް ތުހުމަތުވާ އެތައް މައްސަލައެއް ހާމަވި އެވެ.