ދުނިޔެ އަށް ބޭނުންވާ ވެކްސިންގެ 70 ޕަސެންޓް އިންޑިއާ އިން ފޯރުކޮށްދޭނެ
ދުނިޔެ އަށް ބޭނުންވާ ވެކްސިންގެ 70 ޕަސެންޓް އިންޑިއާ އިން ފޯރުކޮށްދޭނެ

ނިއު ދިއްލީ (ފެބްރުއަރީ 8) - ދުނިޔެ އަށް ބޭނުންވާ ކޮރޯނާވައިރަހުގެ ވެކްސިންގެ 70 ޕަސެންޓް އިންޑިއާ އިން ފޯރުކޮށްދޭނެ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެއްޖެ އެވެ.

އަމިއްލަ މެޑިކަލް ކޮލެޖެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އިންޑިއާ އިން މިހާރު ވެސް ވަނީ ދެ ވެކްސިނެއް އުފައްދައި 14 ގައުމަކަށް އެކްސްޕޯޓްކޮށްފައި ކަމަށެވެ. އިންޑިއާގައި ވެކްސިން ދޭން ފެށިތާ ތިން ހަފުތާވީއިރު މިހާތަނަށް ވަނީ 55 ލައްކަ މީހުންނަށް ވެކްސިން ދީފައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ވެކްސިން ޕްރޮގްރާމް މިހާރަށް ވުރެ ހަލުވި ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ އިންޑިއާ އިން ދަނީ ކޮރޯނާވައިރަހަށް އިތުރު ހަތަރު ވެކްސިން އުފައްދަމުން ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ތައުރީފް ކުރައްވަމުން ޝާހު ވިދާޅުވީ އެހެން ގައުމުތަކާ ޚިލާފަށް އިންޑިއާގެ ކާމިޔާބީ އަކީ މައި ސަރުކާރާއި ސަރަހައްދީ ސަރުކާރުތަކާއި ޑޮކްޓަރުންނާއި ހެލްތު ވޯކަރުން އަދި އިންޑިއާގެ 1.3 ބިލިއަން މީހުން ގުޅިގެން ކުރި މަސައްކަތް ކަމަށެވެ.

"ނިސްބަތުން ކޮވިޑުގައި މަރުވާ ރޭޓް އެންމެ ދަށް އެއް ގައުމަކީ އިންޑިއާ. ބަލިން ރަނގަޅުވާ ރޭޓް އެންމެ މަތީ އިންޑިއާގައި،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ ސިއްހީ އިންފްރާސްޓްރަކްޗާ ވަނީ ރޮކެޓް ސްޕީޑްގައި ތަރައްގީކޮށްފައި ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ޕްރޮގްރާމް ވަނީ އިންޑިއާގައި ފަށާފައި. ދެ ވެކްސިނަކަށް ހުއްދަދީ، އެ ވެކްސިންތައް ވަނީ ދޭން ފަށާފައި. އިތުރު ހަތަރު ވެކްސިން ދަނީ އުފައްދަމުން،" ޝާހު ވިދާޅުވި އެވެ.

އިންޑިއާ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ދުވާލަކު ޕޮޒިޓިވްވާ ރޭޓް ދިހަހާހުން ދަށަށް ވެއްޓިފައިވާ އިރު މަރުވާ މީހުންގެ އަދަދު ވެސް ވަނީ 100 އިން ދަށްވެފަ އެވެ. އިންޑިއާގައި ކޮވިޑް ޕީކަށް ދިޔަ އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދުވާލަކު 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 10,838,843 މީހުން ޕޮޒިޓިވްވެ 155,114 މީހުން މަރުވެފަ އެވެ. ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި 20 ގައުމަށް ބެލި ނަމަވެސް އެންމެ މަދުން މީހުން މަރުވެފައި ވަނީ އިންޑިއާ އިންނެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށާފައި ވަނީ ޖެނުއަރީ 16 ގަ އެވެ. އެ ގައުމުން އަމާޒުކޮށްފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އިންޑިއާގައި ދޭން ފަށާފައި ވަނީ ސީރަމް އިންސްޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ވެކްސިނާއި ބާރަތު ބަޔޯޓެކުގެ "ކޮވެކްސިން" އެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 ޕަސެންޓް އުފައްދަނީ ސީރަމް އިންނެވެ.