ބަޣާވާތާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައިފި
ބަޣާވާތާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައިފި

ނޭޕީޓޯ (ފެބްރުއަރީ 8) - މިއަންމާ އަށް ސިފައިން ގެނައި ބަޣާވާތާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު މުޒާހަރާ އަށް ނުކުމެއްޖެ އެވެ.

ބަޣާވާތާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައިފި
ބަޣާވާތާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައިފި

މަސައްކަތް ތެރިން ހުއްޓުވަން ފުލުހުން މިއަދު ވަނީ ވެހިކަލްތަކުގައި ނުކުމެ ޕްރެޝަރުގައި ފެން ޖަހައިފަ އެވެ. މިއީ މިއަންމާގައި މުޒާހަރާތަކަށް ލުޔެއް ނުދީ ކުރިއަށް ގެންދާ ތިން ވަނަ ދުވަހު އެވެ. މުޒާހަރާތަކަށް އެތައް ހާސް ބަޔަކު ނުކުންނަމުން ދަނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެމުން ދަނިކޮށެވެ.

ބަޣާވާތާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައިފި
ބަޣާވާތާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައިފި

މިއަންމާ ސިފައިން ފެބްރުއަރީ 1 ގައި ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުން ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން ބޮޑު ކާމިޔާބެއް ހޯދާފައި ވަނިކޮށެވެ. ސިފައިން ބުނެފައި ވަނީ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. ބަޣާވާތް ކުރުމަށް ފަހު ސޫކީ އާއި ރައީސް މިން މިންޓް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެއް އަހަރުގެ މުއްދަތަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ވެރިރަށް ނޭޕީޓޯގެ މަގުތަކަށް އެތައް ހާސް ބަޔަކު މިއަދު ވަނީ ނުކުމެފަ އެވެ. އެހެން ސިޓީތައް ކަމަށްވާ މަންޑަލޭ އާއި ޔަންގޫނުގައި ވެސް ވަނީ މުޒާހަރާ އަށް އެތައް ހާސް ބަޔަކު ނުކުމެފަ އެވެ. މުޒާހަރާ އަށް މިއަދު ނުކުތް މަސައްކަތްތެރިންގެ ތެރޭގައި ޓީޗަރުންނާއި ވަކީލުން، ބޭންކް އޮފިސަރުން އަދި ސަރުކާރު މުވައްޒަފުން ހިމެނެ އެވެ.

މުޒާހަރާ އަށް ނުކުމެ ހުރި ޑޮކްޓަރަކު ބީބީސީ އަށް ބުނީ ޕްރޮފެޝަނަލް މަސައްކަތްތެރިން ކަމަށްވާ ޑޮކްޓަރުންނާއި އިންޖިނޭރުން އަދި ޓީޗަރުން އަޑު އުފުލަނީ އެއް ކަމަކަށްޓަކައި ކަމަށެވެ؛ އެއީ ހުދުމުހުތާރު ވެރިކަން ވައްޓާލުމަށެވެ.

"މިއީ މަސައްކަތު ދުވަހެއް. އެކަމަކު މަސައްކަތަށް ނުނިކުމެ މުޒާހަރާ އަށް މި ނުކުތީ މުސާރަ ކެނޑިޔަސް ހެޔޮކަމަށް ބަލައިގެން،" ސަރުކާރުގެ ފެކްޓަރީއެއްގައި މަސައްކަތް ކުރާ 28 އަހަރުގެ ޒުވާނަކު ބުންޏެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން މިއަންމާ އިން އިންޓަނެޓް ވެސް ކަނޑާލި އެވެ. ނަމަވެސް އެކަމުން ވެސް ކާމިޔާބެއް ނުލިބުނެވެ.