"ސުލްތާން" އާއި "ރައީސް" އެއް ދުވަހަކު ރިލީޒްނުކުރަން ނިންމި ސަބަބު
"ސުލްތާން" އާއި "ރައީސް" އެއް ދުވަހަކު ރިލީޒްނުކުރަން ނިންމި ސަބަބު

ބޮޑު ދެ ފިލްމެއްގެ ވަރުގަދަ ކުރިމަތިލުމެއް މިފަހަރުގެ ފިތުރު އީދުގައި ބޮލީވުޑުން ފެންނާނެކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ ޝާހްރުކް ޚާންގެ "ރައީސް" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ވަނީ ނިންމާފަ އެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ސަލްމާން ޚާންގެ "ސުލްތާން" އާއި "ރައީސް" ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ އެވެ. ނަމަވެސް މިހާރު، އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރާނީ ހަމައެކަނި "ސުލްތާން" އެވެ.

ކުއްލިއަކަށް "ސުލްތާން" ރިލީޒްކުރަން ފުރުސަތު ދީފައި ޝާހްރުކް ފަހަތަށް ޖެހުނު ގޮތާ މެދު ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެއީ ސަލްމާންގެ ބޮކްސް އޮފީސް ރެކޯޑް މަތިކަމުން އޭނާގެ ފިލްމަކާ ކުރިމަތިލާން ޖެހިއްޖެ ނަމ ޝާހްރުކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެތީ ބިރުން ކަމަށް އެއްބަޔަކު ގަބޫލު ކުރެ އެވެ.

ޓިކެޓްވިއްކާ ތަންތަނުގެ ހަނގުރާމައަކަށް ވެސް މި ދެ ފިލްމު އެއްދުވަހެއްގައި ރިލީޒްކުރާ ނަމަ ދާނެކަމަށް ގިނަ ބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ ޝާހްރުކް އެހެން ކަންތައްކުރީ ސަލްމާނާއި އޭނާގެ ޒަމާންވީ ރުޅީވެރިކަން އެކުވެރިކަމަށް ބަދަލުވީ ދާދިފަހުން ކަމަށްވާތީ އަނެއްކާވެސް އެކުވެރިކަމަށް ބުރޫ އަރަން ބޭނުންނުވާތީ ކަމަށެވެ.

ތަފާތު ވާހަކަތައް މިކަމާ ގުޅިގެން ދެކެވެމުން ދަނިކޮށް ޚުދް ޝާހްރުކް ޚާން ވަނީ މިކަން ދިމާވި ގޮތް ވަރަށް ރަނގަޅަށް މީޑިއާއަށް އޮޅުންފިލުވައިދީފަ އެވެ.

އިންޑިޔާގެ މަޝްހޫރު ނިއުސް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ބުނި ގޮތުގައި "ރައީސް" ރިލީޒްކުރާ ދުވަސް ފަސްކުރަން ޖެހުނީ ފިލްމުގެ ޝޫޓީންގްގައި އޭނާއަށް ލިބުނު ވަރަށް ބޮޑު އަނިޔާއަކާ ގުޅިގެން 8-9 މަސް ދުވަސް ވަރު ފިލްމުގެ މަސައްކަތް ލަސްވެގެން ކަމަށެވެ. އޭގެ ފަހުން ވެސް ބައެއް މަންޒަރުތައް ނެގި ނަމަވެސް އަދިވެސް މުޅިން ނިންމާ ނުލެވޭ ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކް ބުނި ގޮތުގައި އޭނާއަށް ލިބުނު އަނިޔާއަށް ފަހު ނެގި ބައެއް މަންޒަރުތައް ނެގިފައިހުރީ އޭނާ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. ފިލްމުގެ މަސައްކަތް މިހާރު މުޅީން ނިމިފައިވިޔަސް އަވަސް އަރުވާލައިގެން ބައެއް މަންޒަރުތައް ނަގާފައިވާތީ އެ މަންޒަރުތަކާ ދޭތެރޭ އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެހެންކަމުން ފިލްމު އަންނަ އަހަރަށް ފަސްކޮށްލަން އެމީހުން ނިންމީ އެވެ.

ޝާހްރުކް ބުނެފައިވާ ގޮތުގައި ސަލްމާންގެ ފިލްމަކާ އޭނާގެ ފިލްމެއް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިއުމަކީ ވެސް އެމީހުންގެ އެކުވެރިކަމަށް ބަލާއިރު އެހާ ރަނގަޅު ކަމެއް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ.

"ސުލްތާން" ވެސް އޮތީ "ރައީސް" އާ އެއް ދުވަހަކު ރިލީޒްކުރާ ގޮތަށް ކަމަށާއި ބޮޑު ދެ ފިލްމެއް އެއް ދުވަހަކު ރިލީޒްކުރުން އެއްވެސް ބަޔަކަށް މާ ފައިދާހުރި ކަމަކަށް ނުވާނެކަމަށް ވެސް ޝާހްރުކް ބުންޏެވެ.

"އަނެއްކާ އެއީ ވެސް ވަރަށް ގާތް އެކުވެރިންތަކެއް. އެހެންކަމުން އަހަރެމެން ނިންމީ "ރައީސް" އަހަރެމެން ހިތްހަމަޖެހޭ ފެންވަރަކަށް ތައްޔާރު ކުރުމަށްފަހު ރިލީޒްކުރަން ފިލްމު ރިލީޒްކުރާ ތާރީޚު ފަހަތަށް ޖައްސާލަން. ނަމަވެސް އެގޮތަށް ޖައްސަން ބެލިއިރު މި އަހަރު ތެރޭ ވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް ނުލިބުނު. އެއީ މާ ދުރާލާ ކޮންމެ ފިލްމެއް ވެސް ރިލީޒްކުރާނެ ދުވަސް ކަނޑައަޅާފައި ހުންނާތީ. އެހެންވެ މިހާރު ނިންމާފައި އޮންނާނީ ފިލްމު ތައްޔާރުވީމާ ތާރީހު އިއުލާން ކުރަން. ބަލައިގެން މި އުޅެނީ އަންނަ އަހަރުގެ ޖެނުއަރީ 26 ގައި ފިލްމު ރިލީޒް ކުރެވޭނެ ކަމަށް،" ޝާހްރުކް ބުނެފައި ވެއެވެ.