ޗީފް އޮމްބަޑްސްޕާސަންގެ މުސާރައަށް 37،500ރ. ކަނޑައަޅައިފި
ޗީފް އޮމްބަޑްސްޕާސަންގެ މުސާރައަށް 37،500ރ. ކަނޑައަޅައިފި

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އާއި އޮމްބަޑްސްޕާސަންއަށް ދޭނެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅައިފި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ޗީޕް އޮމްބަޑްސްޕާސަންގެ މުސާރައެއްގެ ގޮތުގައި ކަނޑައެޅީ 37،500ރ. އެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރާ އޮމްބަޑްސްޕާސަންގެ މަގާމަށް ކަނޑައަޅާ ދެ ބޭފުޅުންގެ މުސާރައަށް 33،500ރ. ދޭން ކޮމިޓީން ފާސްކުރި އެވެ.

މި މަގާމުތަކަށް މުސާރަ ކަނޑައެޅުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފާ ހޯއްދަވާފަ އެވެ. އެގޮތުން އެ މިނިސްޓްރީން ދެ ލަފައެއް ދެއްވި އެވެ. މީގެ ތެރެއިން މާލިއްޔަތު ކޮމިޓީން ފާސް ކުރީ ފިނޭންސް މިނިސްޓްރީން ފޮނުވި ދެ އޮޕްޝަންގެ ތެރެއިން އެންމެ ކުޑަ މުސާރަ ކަނޑައަޅާފައިވާ އޮޕްޝަނެވެ.

ޗީފް އޮމްބަޑްސްޕާސަނަށް 37،500ރ. މުސާރައިގެ ގޮތުގައި ދޭން ކޮމިޓީން ނިންމި އިރު ފިނޭންސް މިނިސްޓްރީ ފޮނުވި އަނެއް އޮޕްޝަންގައި 40،000ރ. މުސާރައިގެ ގޮތުގައި ދޭން ކަނޑައަޅާފައިވެ އެވެ. އަދި އޮމްބަޑްސްޕާސަންގެ މަގާމަށް 35،000ރ. ދިނުމަށް އެ އޮޕްޝަންގައި ކަނޑައަޅާފައިވެ އެވެ.

މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް އިސްވެރިން ކަނޑައަޅުއްވައިފަ އެވެ. އެގޮތުން ޗީޕް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވީ އަބްދުއްސަލާމް އާރިފް އެވެ. އޭނާގެ ދަށުން މަސައްކަތް އޮމްބަޑްސްޕާސަންގެ ގޮތުގައި ޖިހާދާ އަނީސް އާއި މަރްޔަމް ލައިޒާ ވެސް ވަނީ އައްޔަނުކޮށްފަ އެވެ.