08 ފެބުރުއަރީ 2021 - 14:34

"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގެ ދަށުން އެކުލަވާލަން ޖެހޭ "ފުލުހުންގެ ބޯޑު" ގައި އާންމުންނަށް ހާއްސަކޮށްފައިވާ ދެ ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
ފުލުހުން އަދާކުރާ ޒިންމާތަކާއި މަސައްކަތް ވެސް ބެލުމުގެ ބާރު ދީފައިވާ ބޯޑަށް އައްޔަންކުރާނީ ޖުމްލަ ހަތް މެމްބަރުންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކު ހިމެނެ އެވެ.
އާންމުންގެ ފަރާތުން ތިބޭ ދެ މެމްބަރުން ކަނޑައަޅަނީ ކުރިމަތިލާ މީހުންގެ ވަނަވަރު ދިރާސާކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.
މި ބޯޑަށް އައްޔަނުކުރާ މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.
ފުލުހުންގެ ބޯޑު ކަމަށް ވިޔަސް އެ ބޯޑުގައި ފުލުހުންނެއް ނުތިބެ އެވެ.
އާންމުންގެ ޖާގައަށް ކުރިމަތިލާން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ގެ މެންދުރު 12:00 އެވެ.
ފުލުހުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލުމުން އެކަމާ އުފާކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ފުލުހުން ކޮށްފައިވާ ގާނޫނާ ހިލާފު ކަންތައްތައް، ފުލުހުންގެ ބޯޑަށް ބެލޭނެ އެވެ. އެހެންވެ، ފެބްރުއަރީ 7، 2012 ގައި ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވި އިރު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ފުލުހުންގެ މައްސަލަތައް ބެލޭނެ ފުރުސަތު ވެސް ބޯޑަށް އޮވެ އެވެ.