08 ފެބުރުއަރީ 2021 - 19:51

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި މި އޮތް މުއްދަތުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ބުނެފި އެވެ.
އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެއްގޮތަށް މިދިޔަ ބުދަދުވަހު ލީގު މެދުކަނޑާލިއިރު، ޓީމުތަކަށް ޕްރެކްޓިސްކުރަން ވެސް ފުރުސަތެއް ނެތެވެ. މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ވަނީ ބަޔާން ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި މާޒިޔާ، އީގަލްސް، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދަ ގްރާންޑޭ، ވެލެންސިއާ ހިމެނެ އެވެ.
މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް އެޗްޕީއޭ އިން އަޅަން ނިންމި ފިޔަވަޅުތަކުގައިވާ ގޮތުން "އެކަނި ކުރާ ކަސްރަތު ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލަން" ޖެހެ އެވެ.
ކްލަބްތަކުގެ ކަންބޮޑުވުމަކީ އެހެން ކުޅިވަރުތަކުގެ ހަރަކާތްތައް ކުރިއަށްގެންދަން ފުރުސަތު އޮތުމެވެ. އަދި ފުޓްބޯޅަ އަކީ އެތައް ބައެއްގެ ހައްގުތަކެއް ހިމެނޭ ކުޅިވަރަކަށް ވާއިރު، އެކަށީގެންވާ ވަރަށް މި ދާއިރާގެ މީހުންނާ މަޝްވަރާކުރުމެއް ވެސް ނެތި ފުޓްބޯޅައާ މެދު ގޮތް ނިންމުމަކީ ވެސް ކްލަބްތަކުގެ ކަންބޮޑުވުމެކެވެ.
ޖުމްލަ ގޮތެއްގައި ކޮންމެ ކްލަބެއްގެ ބަޔާނުގައި ވެސް ފާހަގަކޮށްފައި ވަނީ އެއް ކަންތައްތަކެކެވެ. އެންމެ ބޮޑަށް އަލި އަޅުވާލާފައި އޮތީ ފުޓްބޯޅަ އަކީ އެތައް ބަޔަކު އާމްދަނީ ހޯދަން ބަރޯސާވެފައިވާ ކަމަށް ވާތީ އެ ވިސްނުމުގެ ތެރެއިން ވެސް ލީގު ކުރިއަށްގެންދަން ފުރުސަތު ދޭން ޖެހޭނެ ކަމެވެ.
ކްލަބްތަކުން ބުނީ އެގޮތަށް ލީގު ހުއްޓާލާ މުއްދަތުގައި މާލީ ގޮތުން ބަލާއިރު ކްލަބްތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. މިދިޔަ އަހަރު ވެސް ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ނުކުޅެ ހޭދަވި ނުވަ ވަރަކަށް މަސް ތެރޭ ލިބުނު ގެއްލުމުން އަރައިގަންނަން ކުރާ މަސައްކަތުގައި އަދިވެސް އަލި މަގެއް ނުފެނި އޮއްވައި އަނެއްކާ ލީގު ހުއްޓާލަން ޖެހުމަކީ ބޮޑު ގެއްލުމެއް ކަމަށް ވެސް ކްލަބްތަކުން ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ޕްރެކްޓިސް މިދިޔަ އޮކްޓޫބަރު މަހު ފެށީ އެޗްޕީއޭއާ އެކު އެފްއޭއެމުން ހެދި ގައިޑްލައިނެއްގެ ތެރެއިން ހާއްސަ ހުއްދައެއް ވެސް ހޯދައިގެންނެވެ. މިހާތަނަށް ކްލަބްތަކުން އެއާ އެއްގޮތަށް އަމަލުކުރަމުން އަންނައިރު، ކުއްލިއަކަށް އެޗްޕީއޭ އިން ލީގު ހުއްޓާލަން ޖެހޭ ފަދަ ގޮތަކަށް ނިންމުމުން ފުޓްބޯޅަ އާއިލާ އަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށް ވެސް ކްލަބްތަކުން ބުނެ އެވެ.
އެޗްޕީއޭ އާއި އެފްއޭއެމުން ގުޅިގެން އެކުލަވާލި ގައިޑްލައިނުގައިވާ ގޮތަށް ކޮންމެ ޓީމެއްގައި ހައިޖީން އޮފިސަރެއް ހުރެ އެވެ. އޭނާގެ ޒިންމާ އަކީ ގައިޑްލައިނަށް ބަރާބަރަށް ހުރިހާ ކަމެއް ދޭތޯ މޮނިޓާ ކުރުމެވެ. ގައިޑްލައިނާ އެއްގޮތަށް އެފްއޭއެމާއި ޓީމުތަކުން އަމަލުކުރޭތޯ ބެލުމުގެ ހާއްސަ އިހުތިޔާރެއް އެޗްޕީއޭ އަށް ވެސް އޮވެ އެވެ. އެ އުސޫލުގެ ތެރެއިން ކްލަބްތަކުން ފުތްބޯޅައިގެ ކަންކަން ކުރިއަށް ގެންދަނިކޮށް އެންމެ އާދައިގެ މުބާރާތްތަކެކޭ އެއް އުސޫލުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓާލުން ބަލައިގަންނަން ކްލަބްތަކަށް އުނދަގުލެވެ.