ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން: ބައްސާމް
ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން: ބައްސާމް

ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި މިއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ސިނާއަތެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ބައްސާމް އެގޮތަށް ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލަން ޖެހިފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.

ސޯޝަލް މީޑިއާގައި ބައްސާމް ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ނުދެކި ގައުމުގެ އެތައް ބަޔަކު ބަރޯސާވެފައިވާ ސިނާއަތެއްގެ ވިސްނުމުގައި އަމަލުކުރަން ޖެހޭ ކަމަށެވެ.

"ފުޓްބޯޅަ އަކީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އާއިލާތަކުގެ އާމްދަނީއާ ގުޅިފައިވާ އިންޑަސްޓްރީއެއް،" ބައްސާމް ވިދާޅުވި އެވެ.

މީގެ ހަތަރު ވަރަކަށް މަސް ކުރިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ގައިޑްލައިނެއްގެ ތެރެއިން ދިން ހާއްސަ ހުއްދައަކާ އެކު އެވެ. ޕްރެކްޓިސްތަކުގަ އާއި މެޗުތަކުގައި ބަރާބަރަށް އެ ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށް މިހާރު ވަނީ ފުރަތަމަ ބުރުގެ މެޗުތައް ނިންމާލައިފަ އެވެ. އެޗްޕީއޭގެ އާ އެންގުމާ އެކު ލީގު މެދުކަނޑާލަން ޖެހުނުއިރު، ފަރިތަކުރަން ވެސް ފުރުސަތު ދީފައެއްނުވެ އެވެ.

ބައްސާމް ވިދާޅުވީ އުއްމީދުކުރަނީ ވީ އެންމެ އަވަހަކަށް ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ކަމަށެވެ.

"އުއްމީދަކީ ވީ އެންމެ އަވަހަކަށް ފަރިތަކުރުންތަކާ އެކު ލީގު އަލުން ފަށައި މިދިޔަ އަހަރު ތަޖުރިބާކުރި ކަންތައްތައް އަލުން ތަކުރާރު ނުކުރުން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން މިދިޔަ ސީޒަން އަވަހަށް ނިންމާލީ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ނުބާއްވަ އެވެ. މާލޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ގޯސްވެފައި ވަނިކޮށް އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ވެސް ނިމުނު ފަހުންނެވެ.

ލޮކްޑައުންގައި އެތައް އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހުނުއިރު، މިދިޔަ ޖޫން މަހު ފަށަން ކުރިން އޮތް ފުޓްބޯޅަ ސީޒަން ފެށުނީ ވެސް ޑިސެމްބަރު މަހު އެވެ. އަންނަ މަހު ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމު ތައްޔާރުވާން ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ވަނީ ބުނެފަ އެވެ.