ފިޔަވަޅުތަކަށް ލުއިދޭނީ ނިއުކްލިއާ އެއްބަސްވުމަށް އީރާނުން އަމަލުކުރުމުން: ބައިޑަން
ފިޔަވަޅުތަކަށް ލުއިދޭނީ ނިއުކްލިއާ އެއްބަސްވުމަށް އީރާނުން އަމަލުކުރުމުން: ބައިޑަން

ވޮޝިންޓަން (ފެބްރުއަރީ 8) - އީރާނާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ މާއްދާތަކަށް އަމަލު ކުރުމުން ނޫނީ ދަތި ކުރުމުގެ ފިޔަވަޅުތަކެއް ދޭނެ ލުޔެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ސީބީއެސް ނިއުސްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އީރާނުން މަޝްވަރާތަކަށް ދާން ޝަރުތުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނެ ކަމަށެވެ. މަޝްވަރާގެ މޭޒަށް އީރާން ގެނައުމަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަންތޯ ސީބީއެސް އިން ސުވާލު ކުރުމުން "ނޫނެކޭ" ވިދާޅުވެ ބައިޑަން ވަނީ ޖަވާބު ދެއްވައިފަ އެވެ.

އެކަމަކު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ނިއުކްލިއާ އެއްބަސްވުމަށް ތަބާވާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު އީރާނުން ގާއިމްކުރި އެއްބަސްވުމުގައި ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ޝަރުތުކޮށްފަ އެވެ. އޭގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެއްބަސްވެފައިވެ އެވެ.

ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު ވަނީ އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އީރާނުން ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލައިފަ އެވެ. އަދި ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް އަލުން ވަނީ ފަށައިފަ އެވެ. ފައްކާކޮށްފައިވާ ޔުރޭނިއަމުން ނިއުކްލިއާ ބޮމެއް އުފެއްދިދާނެ އެވެ. އީރާނުން ބުނެފައި ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދަނީ ސުލްހަވެރި ބޭނުންތަކުގައި ކަމަށެވެ.

އެމެރިކާ އާއި އީރާނުގެ އިތުރުން ނިއުކްލިއާ އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ޗައިނާ، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި އިނގިރޭސިވިލާތެވެ.