މިރުޒާގެ ގާތިލަކު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
މިރުޒާގެ ގާތިލަކު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ އަބްދުﷲ ނަޒީފުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މީގެ ނުވަ އަހަރު ކުރިން އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ލަކުޑި ބުރި ފަދަ ތަކެތިން ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ ނަޒީފް، ޏ. ފުވައްމުލަކު ޒާވިއާގެ އިތުރުން މުހައްމަދު ޝިފާއު، ވ. ފަޒީލާ މަންޒިލް، ގެ މައްޗަށެވެ.

ނަޒީފުގެ މައްޗަށް އިއްވި މަރުގެ އަދަބު ހައި ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.

އެ ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ޝަރީއަތް މިއަދު ފަށަން ހަމަޖެއްސި އެވެ. އެކަމަކު ނަޒީފްގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އެދިގެން މިއަދުގެ އަޑުއެހުން ކުރިއަކަށް ނުގެންދެ އެވެ.

އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

މަރުގެ އަދަބެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމެއް ދަމަހައްޓައިފި ނަމަ އެވެ. މަރަން ހުކުމްކޮށް، އަދި ސުޕްރީމް ކޯޓުގެ އިސްތިއުނާފް މަރުހަލާ ނިމިފައިވާ ތިން މީހަކު ރާއްޖޭގައި އެބަ ތިއްބެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ގަ އެވެ.