އަގު ބޮޑުވާތީ ހެދި ގޮތަކުން ޓޮބްލެރޯންގެ ސިފަ ހުތުރުވެއްޖެ
އަގު ބޮޑުވާތީ ހެދި ގޮތަކުން ޓޮބްލެރޯންގެ ސިފަ ހުތުރުވެއްޖެ

މަގުބޫލުކަން ހޯދާފައިވާ ޓޮބްލެރޯން ޗޮކްލެޓްގައި ހުންނަ ތިނެސްކަން ބައްޓަމުގެ ފިތްތަކުގެ ދެމެދުގައި އޮންނަ ޖާގަ ބޮޑުކުރުމުން ސިފައަށް އައި ބަދަލު ކަމު ނުގޮސްގެން ޓޮބްލެރޯންގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ޓޮބްލެރޯން އުފައްދާ މޮންޑަލެޒް އިންޓަނޭޝަނަލް އިން ބުނީ މި ބަދަކު ގެނެސްފައި ވަނީ 400 ގްރާމް އަދި 170 ގްރާމްގެ ޗޮކްލެޓަށް ކަމަށާއި އެކަން ކުރީ ބަރުދަން ލުއިކުރަން ކަމަށެވެ. ބަރުދަން ލުއިކުރަން ޖެހުނީ ޗޮކްލެޓް ހަދަން ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން ޗޮކްލެޓްގެ އަގު އުފުލިގެން ދިޔަ ނުދިނުމަށް ކަމަށް ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމަކު ސަޕޯޓަރުން ބުނަނީ މިއީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ.

މޮންޑަލެޒް އިން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މިއީ އަގު ބޮޑުކުރުމާއި ޗޮކްލެޓްގެ ބައްޓަމަށް ބަދަލު ގެނައުމުގެ ތެރެއިން އިހްތިޔާރުކުރި ގޮތް ކަމަށެވެ. ކުރިން ވެސް ހުންނަ ގޮތަށް ޗޮކްލެޓްގެ ފިތްތައް ބަހައްޓާ ނަމަ ބޮޑުވާނީ ޗޮކްލެޓް އަގު ކަން ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

ބައްޓަމަށް ގެނައި ބަދަލާ އެކު، 400 ގްރާމްގެ ޗޮކްލެޓް ބާއެއްގެ ބަރުދަން 360 ގްރާމަށް ދަށްވާނެ އެވެ. އަދި 170 ގްރާމްގެ ބާ 150 ގްރާމަށް ދަށްވާނެ އެވެ.

ކުންފުނީގެ ފޭސްބުކް ޕޭޖުގައި ކަސްޓަމަރުން ދަނީ ޝަކުވާތައް ބަންޑުން ކުރަމުންނެވެ. އެއްބަޔަކު ބުނަނީ ދެ ފިތް ދެމެދު މާބޮޑު ހުސް ޖާގައެއް އޮތުމުން ވަރަށް ހުތުރު ކަމަށާއި މި ނޫން ބަދަލަކުން ވެސް ޗޮކްލެޓްގެ ބަރުދަން ދަށްކުރެވޭނެ ކަމަށެވެ.

"ޗޮކްލެޓް ބާ ތަންކޮޅެއް ކުރުކޮށްލި ނަމަވެސް ސިފަ ނުގެއްލި ސަލާމަތް ވީސް. އެކަމަކު ފިތްތަކުގެ ދެމެދުގައި ބޮޑު ހުސް ޖާގައެއް ބާއްވައިގެން ބަރުދަން ލުއިކުރަން ވިސްނުމަކީ ކޮށްފައިވާ ވަރަށް ބޮޑު މޮޔަ ކަމެއް،" މީހަކު ބުނެފައިވެ އެވެ.