08 ފެބުރުއަރީ 2021 - 11:20

ކޮވިޑް-19ގެ ނުރައްކާ ކުޑަ ގައުމެއް ކަމަށް ބަލައި، އަބޫދާބީގެ "ގްރީން" ލިސްޓަށް ރާއްޖެ ލިތާ އެންމެ ދެ ހަފުތާ ފަހުން އެ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.
އަލަށް ގެނައި އުނިއިތުރަށް ފަހު އިއްޔެ އާންމުކުރި ގްރީން ލިސްޓުން ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއް ވެސް ވަނީ އުނިކޮށްފަ އެވެ.
މި ލިސްޓުން ރާއްޖެ އުނިކުރުމާ އެކު މިހާރު ރާއްޖެއިން އަބޫދާބީއަށް ދާ ކޮންމެ މީހަކު 10 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. އަދި އެ ގައުމަށް ދިއުމާ އެކު ޕީސީއާރު ޓެސްޓެއް ވެސް ހަދަން ޖެހެ އެވެ.
އަބޫދާބީން މި ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި އެ ގައުމެއްގައި ބަލި ފެތުރޭ އަދަދަށް ބަލައިފަ އެވެ. މިއީ ކޮންމެ ދުވަހަކު ބަދަލުވާ ލިސްޓެކެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށްވުމާ ގުޅިގެން ބައެއް ގައުމުތަކުން ރާއްޖެއަށް ހާއްސަ ލުއިތަކެއް ދިނެވެ. އެގޮތުން ރާއްޖެ އިން އެ ގައުމުތަކަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ނުޖެހުން ފަދަ ފަސޭހަތައް ލިބެ އެވެ.
އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރި އިރު ކޮވިޑް ކޭސްތައް މިހާރު އުޅެނީ ދުވާލަކު 100 އިން މަތީގަ އެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން 16,783 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.