އުރީދޫން ހިއްސާއަކަށް 2.34ރ.  ބަހަން ހުށަހަޅަނީ
އުރީދޫން ހިއްސާއަކަށް 2.34ރ. ބަހަން ހުށަހަޅަނީ

މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އުރީދޫން ނިންމައިފި އެވެ.

މިއީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އިއްޔެ ނިންމި އަދަދެވެ. ނަމަވެސް މި އަދަދު ފާސް ކުރާނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. ނަމަވެސް ބާއްވާ ތާރީހެއް އެ ކުންފުނިން އަދި އިއުލާނެްް ނުކުރެ އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަހަރީ އާއްމު ޖަލްސާގެ އެޖެންޑާ އާއި ޖަލްސާގެ ނޯޓިސް މި މަހުގެ 15 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި އިއުލާން ކުރާނެ އެވެ.

އުރީދޫން ނެރުނު އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.