އިބްރަހިމޮވިޗްގެ 500 ވަނަ ގޯލާ އެކު މިލާން އެއް ވަނަ އަށް
އިބްރަހިމޮވިޗްގެ 500 ވަނަ ގޯލާ އެކު މިލާން އެއް ވަނަ އަށް

މިލާން (ފެބްރުއަރީ 8) - އިޓާލިއަން ލީގުގައި ރޭ 4-0 އިން ކްރޮޓޯނޭ ބަލިކޮށް، ޒްލަޓާން އިބްރަހިމޮވިޗް ކްލަބް ކެރިއަރުގައި ޖެހި 500 ވަަނަ ގޯލާ އެކު ލީގުގެ އެއް ވަނަ މަގާމަށް އޭސީ މިލާން އަލުން ޖެހިލައިފި އެވެ.

ރޭގެ މެޗަށް މިލާން ނުކުތްއިރު އެއް ވަނައިގައި އޮތީ އިންޓަ އެވެ. މިލާން އަލުން އެއް ވަނަ އަށް އެރީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ 21 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ އެއް ވަނަ މަގާމުގެ ފޯރި ގަދަވެފައިވާއިރު، މި މަހު 21 ވަނަ ދުވަހު އިންޓަ އާއި މިލާން ކުޅޭ މެޗު އޮންނާނެ އެވެ.

ޕޯޗުގީސް ވިންގް ރަފައެލް ލެއާއޯ ދިން ބޯޅައަކުން އިބްރަހިމޮވިޗް މިލާނަށް ލީޑުނަގައިދިނީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. މިއާ އެކު އިބްރަހިމޮވިޗް ވަނީ އޭނާގެ ކްލަބް ކެރިއަރުގައި 500 ލަނޑު ހަމަކޮށްފަ އެވެ. މިލާން ނުލައި އިބްރަހިމޮވިޗް ވަނީ އޭނާގެ ކެރިއަރުގައި އަށް ކްލަބަކަށް ކުޅެފަ އެވެ. ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން މެޗުގެ 64 ވަނަ މިނިޓްގައި އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗް މިލާނަށް ލީޑުފުޅާކޮށްދިންއިރު، މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި 14 ވަނަ ގޯލެވެ.

މިލާންގެ އަނެއް ދެ ގޯލު ކާމިޔާބުކުރީ ކްރޮއޭޝިއާގެ ފޯވާޑް އަންޓޭ ރެބިޗް އެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިލާނުން އެންމެ ފަހުން ހޯދީ 2011 ވަނަ އަހަރު އެވެ. މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މިލާނުން މި ސީޒަނުގައި ކާމިޔާބު ހޯދާނަމަ އެންމެ ބޮޑު ހިއްސާއެއް އަދާކުރާނެ ކުޅުންތެރިއަކީ އިބްރަހިމޮވިޗް ކަމަށާއި ޕްރެޝަރު ވަގުތުތަކުގައި އޭނާގެ ތަޖުރިބާގެ އެހީ މިލާނުން ހޯދާ ކަމަށެވެ.