08 ފެބުރުއަރީ 2021 - 08:51

މެޑްރިޑް (ފެބްރުއަރީ 8) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ފްރާންސިސްކޯ ޓްރިންކާއޯ ވައްދާލި ގޯލުން 3-2 އިން ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.
ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ބާސެލޯނާ ދެ ވަނަ އަށް އެރީ 21 މެޗުން 43 ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއްވަރަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 19 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. މިރޭ އެތުލެޓިކޯ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯގެ މައްޗަށް ކުރިހޯދައި ލީގުގެ އެއް ވަނައިގައި އަލުން 10 ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.
ބެޓިސް ދަނޑުގައި ކުޅުނު ރޭގެ މެޗުން އެ ޓީމުން ލީޑުނެގީ 38 ވަނަ މިނިޓްގައި ބޯހާ އިގްލީސިއަސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާ ގިނައިރެއް ނުވެ، މެޗުގެ 59 ވަނަ މިނިޓްގައި ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ނުވަ މިނިޓް ފަހުން ބެޓިސްގެ ވިކްޓަ ރުއީޒް އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސެލޯނާ ލީޑުނެގި އެވެ. އެކަމަކު މެޗުގެ 75 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ރުއީޒް ވަނީ ބެޓިސް އަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ މޮޅުކޮށްދިން ގޯލު ޕޯޗުގީސް ޒުވާން ތަރި ޓްރިންކާއޯ ކާމިޔާބުކުރީ މެޗުގެ 87 ވަނަ މިނިޓްގަ އެވެެ.
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އޭނާގެ ޓީމަށް މެޗުން މޮޅުވެވުމުގެ އެންމެ ބޮޑު ސަބަބަކީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ކުޅެން އެރުވުން ކަމަށެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު، މެސީ ފިޓްކޮށް ބެހެއްޓުމަށް ބައެއް މެޗުތަކުގައި އޭނާ ފުރަތަމަ އެގާރައިގައި ނުހިމަނާނެ ކަމަށް މީގެ ކުރިން ވެސް ކޫމަން ވަނީ ބުނެފަ އެވެ.