08 ފެބުރުއަރީ 2021 - 00:09

ލިވަޕޫލް (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ދަނޑުގައި 4-1 އިން މެންޗެސްޓާ ސިޓީން ތާރީހީ ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީން ލިވަޕޫލް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލުން ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ ނަތީޖާ އެކު ސިޓީން ވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެ ރެކޯޑަކާ ހަމަކޮށްފަ އެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ މުބާރާތްތަކުގައި މީގެ ކުރިން ޖެހިޖެހިގެން 14 މޮޅު ހޯދާފައިވަނީ 1892 ވަނަ އަހަރު ޕްރެސްޓަން އާއި 1987 ވަނަ އަހަރު އާސެނަލް އެވެ.
މި މޮޅާ އެކު ސިޓީން ވަނީ ލީގުގެ އެއް ވަަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 22 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 23 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ މެޗު ހަމަކުރާއިރު އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާ ކުރުމުގެ ފުރުސަތު އެބައޮތެވެ. ތިން ވަނައިގައި އޮތީ މިރޭ ރަށުންބޭރުގައި ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވި ލެސްޓާ ސިޓީ އެވެ. ލެސްޓާ އަށް 23 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަތަރު ވަނައިގައި އޮތީ 23 މެޗުން 40 ޕޮއިންޓާ އެކު އެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އަށް ލީޑުނަގައިދޭން އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މިއި ފަބީނިއޯ އޭރިއާތެރެއިން ސިޓީގެ ރަހީމް ސްޓާލިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފް ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭގައި ސިޓީ އަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގުންޑޮގާން އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން މުހައްމަދު ސަލާހު އެވެ. މިއީ ސަލާހަށް ސިޓީގެ ރުބެން ޑިއާޒް ކުރި ފައުލަަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސިޓީން ދެ ވަނަ ފަހަރަށް ލީޑުނެގި ގޯލު ޖެހީ ވެސް ގުންޑޮގާން އެވެ. މިއީ މެޗުގެ 73 ވަނަ މިނިޓްގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާނަގައި ސިޓީގެ ޒުވާން ތަރި ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ގުންޑޮގާން ޖެހި ގޯލެކެވެ. އޭގެ ތިން މިނިޓް ފަހުން އެލިސަން ހެދި ގޯހެއްގެ ފައިދާނަގައި ސިޓީން އިތުރު ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސްޓާލިން އެވެ. ސިޓީގެ ފަހު ގޯލު މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ފޯޑެން އެވެ.
މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ލިވަޕޫލް ދަނޑުގައި ލިބުނު ފުރަތަމަ މޮޅެވެ. ގާޑިއޯލާ ބުނީ އެތައް އަހަރެއް ފަހުން ސިޓީ އަށް ލިވަޕޫލް ދަނޑުގައި މޮޅެއް ހޯދުނީ ވަރަށް މަސައްކަތުން ކަމަށާއި އެންމެ ބޭނުންވީ ސަޕޯޓަރުން ވަދެގެން ކުޅޭ މެޗެއްގައި ލިވަޕޫލް ދަނޑުގައި މޮޅުވާން ކަމަށެވެ.
"ދެން މި ދަނޑުގައި މޮޅުވާ މެޗެއްގައި ސަޕޯޓަރުން ތިބޭނެ ކަމަށް އުއްމީދުކުރަނީ. ހަގީގަތުގައި ސިޓީގެ މިހާރު އޮތް ސްކޮޑުން މި ދަނޑުގައި މޮޅުވެވޭ ވަރަށް މަސައްކަތްކޮށްފި. މި ދަނޑުގައި މޮޅުވާން އަހަރެމެން ކުރި މަސައްކަތަށް ލަހުން ނަމަވެސް ކުރިއެރުމެއް ލިބުނީތީ އުފާކުރަން،" ގާޑިއޯލާ ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުގެ ބޮޑުބައި ރަނގަޅަށް ކުޅެފައި މެޗު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއް ސަބަބުން ކަމަށެވެ. އަދި ސީޒަނުގެ ގިނަ މެޗުތަކުގައި ލިވަޕޫލުން ރަނގަޅަށް ކުޅެ ނަތީޖާ ނުނެރެވޭ ކަމަށް ކްލޮޕް ބުންޏެވެ.
"ލީގުގެ ރޭހުގެ ވާހަކަ ނުދައްކައި ދެން އަހަރެމެން ފޯކަސް ކުރަން ޖެހޭ ކަމަކީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަން. ގަދަ ހަތަރެއްގައި އޮތުމަކީ އެންމެ ބޮޑު ޓާގެޓް،" ކްލޮޕް ބުންޏެވެ.
ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ވަނީ އެ ޓީމުގެ ރަނގަޅު ރެކޯޑް ދަމަހައްޓައިފަ އެވެ. ރަށުންބޭރުގައި ޗެލްސީ ވަނީ ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފަ އެވެ. ޓުޗެލް ހަވާލުވި ފަހުން ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު ޗެލްސީ ވަނީ ލީގުގެ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފަ އެވެ. ޗެލްސީ މި ވަގުތު ފަސް ވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓާ އެކު އެވެ. އެއީ ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ވުރެން އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ.
ލީގުގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމް އަތުން 2-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ހާފްގައި ޓޮޓެންހަމްގެ ގޯލުތައް ޖެހީ އަނިޔާއިން ރަނގަޅުވެ އެނބުރި އައި ހެރީ ކޭން އާއި ސޮން ހެއުން މިން އެވެ. ޓޮޓެންހަމް އޮތީ 22 މެޗުން ލިބުނު 36 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ.