08 ފެބުރުއަރީ 2021 - 12:50

ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ހުޅުވާލިތާ ދެ ވަނައަށްވީ ދުވަހު، އައިޝަތު ނަރީމާ ވެކްސިން ޖެހި އެވެ. ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކުރި ފުރުސަތުގައި އެންމެ ކުރީ ބައިގައި އޭނާ އެކަން ކުރި އެވެ. ވެކްސިން ޖެހިތާ އިރުކޮޅެއް ފަހުން ހީކަރުވަން ފެށި އެވެ. ދެން ގައިގާ ރިއްސަން ފެށި އެވެ. އިރުއޮއްސުނު އިރު އޮތީ ހުމާ އެވެ.

މިއީ ކޮވިޑު-19ގެ ވަބާއިން ރައްކާތެރިވުމަށް، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖެހި ގިނަ މީހުންގެ ފަރާތުން ފެނުނު ބައެއް ކަންކަމެވެ. ވެކްސިން ޖެހި ގިނަ މީހުންނަށް އެކި އުނދަގޫތަކާ ކުރިމަތިވި އެވެ. ހީކެރުވުމާއި ހުން އައުމާއި ގައިގަ ރިއްސުން ފަދަ ކަންކަން ދިމާވި އެވެ. ބައެއް މީހުން އަނބުރައި ވެސް ގަތެވެ. މިއީ މުޅިން ވެސް ވެކްސިނުގެ ސައިޑް އިފެކްޓުތަކެވެ. ކޮންމެ ވެކްސިނެއްގައި ވެސް ދިމާވާ ކަންކަމެވެ.

ކޮވިޑްގެ ވެކްސިންގެ ކަންކަމާ ރާއްޖޭގައި އެންމެ އިސްކޮށް އުޅުއްވާ، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ކޮންމެ ވެކްސިނެއްގައި ނުވަތަ ބޭހެއްގައި ވެސް ސައިޑްއިފެކްޓްތަކެއް ހުރެދާނެ އެވެ. ހާއްސަކޮށް، ކޮވިޑްގެ މި ވެކްސިނުގައި މި ފަދަ އަސަރުތައް ގިނަ ކަމަށާއި އެއީ ވެކްސިން ދޭ އުމުރުފުރާގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ކޮވިޑްގެ މި ވެކްސިނުގައި އެންމެ އާއްމުކޮށް ފެންނަ ރިއެކްޝަންތައް ގުޅިފައި ހުންނަނީ އެންޒައިޓީ އާއި ހާސްވެ ބިރުގަތުމާ އެވެ. އެ ކަންކަމުގެ ސަބަބުން، ވެކްސިން ޖެހުމަށް ފަހު ދާހިއްލުމާއި އަނބުރައި ގަތުމާއި ތުރުތުރު އެޅުން ފަދަ ކަންކަން ދިމާވެ އެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ވެކްސިން ދޭ އުމުރު ފުރަ އެވެ. ރާއްޖެއަކީ އާއްމުކޮށް، ތުއްތު ކުދިންނަށް ވެކްސިން ދޭ ގައުމެކެވެ. މި ފަދަ ގޮތަކަށް، ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލައިގެން، މި ގޮތަށް ވެކްސިންދޭ މިއީ ފުރަތަމަ ފަހަރެވެ. އަދި ވެކްސިނުގެ ރައްކާތެރިކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަމުން ދާތީ، ވެކްސިން ޖެހުމަށް ދާން ގިނަ މީހުން ޖެހިލުންވެ އެވެ.
"ކުޑަކުދިންނާ ހިލާފަށް ބޮޑެތި މީހުންނަށް އެނގޭ ވެކްސިން ޖަހާއިރު ތަދުވާނެކަން. އެހެންވެ، ބިރުގަންނަގޮތް އެބަވޭ. ދެން މިއުޅޭ ރޫމާސްތަކާ ހެދި ވެސް މީހުން އެބަ ޖެހިލުންވޭ މިކަން ކުރަން. މި ސްޓްރެސްތަކާ ހެދި ވެސް އެބަ އެކި ކަހަލަ ރިއެކްޝަންތައް ކުރިމަތިވޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
އިތުރު އެހެން ސައިޑްއިފެކްޓުގެ ގޮތުގައި، ވެކްސިން ޖަހާ ތަނަށް ތަދުވުމާއި ރަތްވުން، އަދި ބައެއް މީހުންގެ ގައިގާ ބިހި ނެގުން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. އެކަމަކު ޕްރޮޑަކްޓެއްގެ ގޮތުގައި ވެކްސިން ރަނގަޅު ނުވެގެން، އެއްވެސް ކަހަލަ ސައިޑްއިފެކްޓެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
ވެކްސިން ޖެހި މީހުންގެ ވާހަކަތަކަށް ބަލާއިރު، އުނދަގޫތައް ކުރިމަތިވަނީ ވެކްސިން ޖެހިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ. އެކަމަކު ހަމަ ދެ ދުވަހެއްގެ ތެރޭގައި އެކަން ރަނގަޅުވެ އެވެ. އެހެންވެ، ޑޮކްޓަރުން އިރުޝާދު ދެނީ އެ ދެ ދުވަހު ގިނައިން ދިޔާއެއްޗެހި ބޮއެ އަރާމުކުރުމަށެވެ. ގައިގާ ރިއްސަންޏާ، ހަ ގަޑިން ހަ ގަޑިން ޕެރެސެޓަމޯލް ބޭނުން ކުރެވިދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯއީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް، އެތަނުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ މިކަން ފާހަގަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ދިހަ ހާހެއްހާ މީހުންނަށް ވެކްސިން ދީފައިވާއިރު، ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެގެން އެއްވެސް މީހަކު ރިޕޯޓުކޮށްފައެއް ނުވެ އެވެ. އާއްމުކޮށް ދިމާވަނީ، ޑރ. ފައިސަލް ފާހަގަކުރެއްވި ފަދަ، ހުން އައުމާއި ގައިގައި ރިއްސުން ފަދަ ކަންކަމެވެ. އެކަމަކު ސޯޝަލް ސެންޓަރުގައި ވެކްސިން ދިން ދެ މީހެއްގެ ކަރުތެރެއަށް އުނދަގޫވުމާއި ހިތް އަވަސް ވެގެން އެ ތަނުގައި ފަރުވާ ދިން ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިތާނަކަށް އެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދޭކަށް ނުޖެހޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެންމެ ކުރީބައިގައި، ހެނދުނު ވެކްސިން ޖެއްސެެވި ޑރ. ފައިސަލް ވެސް ވިދާޅުވީ އެރޭ އޭނާ ކުޑަކޮށް ހުން އައި ކަމަށާއި، 36 ގަޑިއިރު ވަންދެން ގައިގާ ރިއްސި ކަމަށެވެ. ޕެރެސެޓަމޯލް ކައިގެން، ދެ ދުވަހެއްގެ ތެރޭގައި މުޅިން ރަނގަޅުވި އިރު އެ ދެ ދުވަހު ވަރަށް ބޮޑަށް އަރާމް ކުރެއްވި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
- ރަނގަޅަށް ކައިގެން، ފެންބޮއެގެން ދިޔުން
- ވެކްސިން ޖަހާ ތަނުގައި ގިނައިރު ވެދާނެ ކަމަށް ބަލައި ފެންފުޅިއެއް ގެންދިއުން
- ބައްޔަކަށް ބޭސްކާ މީހެއް ނަމަ، އޭނާ އާއްމުކޮށް ދައްކާ ޑޮކްޓަރާ މަޝްވަރާކޮށްލުން
ބަލިން ރައްކާތެރިވުމަށް ވެކްސިން ވަރަށް މުހިއްމެވެ. ކުރިއަށް ވުރެ ބޮޑަށް ރާއްޖޭގައި މި ބަލި ފެތުރިފައިވާ އިރު، ބަލީގެ ނުރައްކާތެރިކަން ދަނީ ބޮޑުވަމުންނެވެ. މިދިޔަ އޭޕްރީލް މަހު މާލެ ތެރެއިން ފެނުނު މި ބަލީގައި ކޮންމެ ފަސް ދުވަހަކުން މީހަކު އެބަ މަރުވެ އެވެ. މިއީ އެއްބަޔަކުން މީހުން މަރުވާން ގިނަ އަދަދެކެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުން، ހަޑް އިމިއުނިޓީއެއް ނައިސް، ބަލި ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވާނެ އެވެ. އެކަމަކު އެކަން ކުރެވޭނީ އެންމެން ވެސް ވެކްސިން ޖަހައިގެންނެވެ.
ޑރ. ފައިސަލް ވިދާޅުވީ ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބޭނީ، އެ ޖަހާ މީހާއަށް އެކަނި ނޫން ކަމަށާއި، އޭނާގެ ފަރާތުން ބަލި ނުފެތުރެންޏާ، އެއީ އެހެން މީހުންނަށް ވެސް ލިބޭ ރައްކަލެއް ކަމަށެވެ. މިއީ، މި ވެކްސިން ނުޖެހޭ ކުޑަކުދިންނާއި މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ދަށް މީހުންނަށް ވެސް ފޯރުކޮށްދެވޭ ރައްކާތެރިކަމެކެވެ.
މުޅިން ހަގީގަތް ނުހޯދޭ މި ބަލީގެ އެކި ވޭރިއެންޓްތައް މިހާރު ވެސް އުޅޭއިރު، ގިނަ ދުވަސްވީ ވަރަކަށް، އެކި ގޮތްގޮތަށް ވައިރަސް މިއުޓޭޓްވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، މި މިއުޓޭޝަންތައް މަދުކުރުމަށް، ވީހާ ވެސް އަވަހަކަށް ބަލި ކޮންޓްރޯލް ކުރުން ވަރަށް މުހިއްމެވެ.
"މި ވައިރަސް މިއުޓޭޓް ވެދާނެ އަދި މިއަށް ވުރެ ނުރައްކާތެރި އެއްޗަކަށް. ރާއްޖޭގައި މިހާރު މި ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކުގެ މީހުންނަށް. އެކަމަކު ވައިރަސް މިއުޓޭޓް ވެގެން، ކުޑަކުދިންނަށް ވެސް ނުރައްކާތެރި އެއްޗަކަށް މި ބަދަލުވެދާނެ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވެކްސިން އުފައްދާފައި ވަނީ މިހާރު މިއުޅޭ ރޯގާއަށް ކަމަށާއި އެކަމަކު ވައިރަސް މިއުޓޭޓްވެ، އެހެން ވައްތަރެއް އުފެދިއްޖެ ނަމަ ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ނުކުރާނެ ކަމަށެވެ. އޭރުން އަނެއްކާ ވެސް ޖެހޭނީ ވެކްސިންގެ އިތުރު ޑޯޒެއް ދޭށެވެ.
ކޮވިޝީލްޑް ވެކްސިން ޖެހި ގިނަ މީހުންނަށް އޭގެ ސައިޑް އިފެކްޓުތައް އެބަ ކުރިމަތިވެ އެވެ. ހުން އައިސް ގައިގާ ރިއްސަ އެވެ. އެކަމަކު މިއީ، ކޮވިޑް ޖެހިގެން ލިބޭ ވޭނާއި އުނދަގުލަށް ބަލާއިރު ކުޑަކުޑަ މިންވަރެކެވެ. ބަލި ޖެހިގެން އެކަހެރިކުރުމާއި ފަރުވާ ދޭން ޖެހުމާއި އައިސީޔޫގައި ބޭއްވުމާއި މަރުވުން ފަދަ ކަންކަން ދިމާވާއިރު، ވެކްސިންގެ ސައިޑްއިފެކްޓަކީ އަދި އެއްވެސް ކަމެއް ނޫނެވެ.
ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެ، ވެކްސިން ދިނުން ހުއްޓާލަން ޖެހުމަކީ ވެސް، ސިއްހީ އިދާރާތަކުން ދޭ އިންޒާރެކެވެ. މިދިޔަ އަހަރު ވެސް، މާލޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އާއްމުކޮށް ދޭ ވެކްސިންތައް ވެސް 11 ދުވަހަށް ހުއްޓާލަން ޖެހުނެވެ. އެ ފަދަ ހާލަތެއް މި ދަނޑިވަޅު ކުރިމަތިވެއްޖެ ނަމަ، އޭގެ ނުރައްކާ މާބޮޑުވާނެ އެވެ. އެހެންވެ، ޑޮކްޓަރުންނާއި ސިއްހީ އޮފިޝަލުން އިރުޝާދު ދެނީ، ބަލިން ރައްކާތެރިވުމަށް ދިވެހިންނަށް ލިބިފައިވާ ހަތިިޔާރުގެ ބޭނުން ހިފުމަށެވެ. ވެކްސިނާ ގުޅޭ ގޮތުން ފަތުރާ ސާބިތު ނުހިފޭ ވާހަކަތަކުން ދުރުވެ، އެންމެން އެކުގައި މިހާރު މަސައްކަތް ކުރަން ޖެހިއްޖެ އެވެ.