އިންޓަނެޓް ކަނޑާލައިގެން ވެސް މިއަންމާގެ ރައްޔިތުން ނުހުއްޓުވުނު
އިންޓަނެޓް ކަނޑާލައިގެން ވެސް މިއަންމާގެ ރައްޔިތުން ނުހުއްޓުވުނު

ނޭޕީޓޯ (ފެބްރުއަރީ 7) - މިއަންމާ ސިފައިން ގެނައި އަސްކަރީ ބަޣާވާތާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުތުން ހުއްޓުވަން އެ ގައުމުން އިންޓަނެޓުގެ ޚިދުމަތް ކަނޑާލި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އިންޓަނެޓް ކަނޑާލައިގެން ވެސް މިއަންމާގެ ރައްޔިތުން ނުހުއްޓުވުނު
އިންޓަނެޓް ކަނޑާލައިގެން ވެސް މިއަންމާގެ ރައްޔިތުން ނުހުއްޓުވުނު

އެތައް ހާސް ބަޔަކު ބޮޑެތި ސިޓީތަކަށް އިއްޔެ އާއި މިއަދު ނުކުމެ ވަނީ ބަޣާވާތާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

"އަސްކަރީ ހުދުމުހުތާރު ވެރިކަމެެއް އަހަރެމެން ބޭނުމެއް ނުވޭ،" އެންމެ ބޮޑު ސިޓީ ޔަންގޫންގައި މުޒާހަރާ އަށް ނުކުމެ ހުރި މީހަކު ބުންޏެވެ.

މުޒާހަރާތަކަށް ނުކުތް ގިނަ މީހުން ތިބީ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީގެ ފޮޓޯތައް ހިފައިގެން، އެކަމަނާގެ ޕާޓީ ކުލަ ކަމަށްވާ ރަތް ކުލައިގެ ރިބަން އައްސައިގެންނެވެ. ފެބްރުއަރީ 1 ވަނަ ދުވަހު ގެނައި ބަޣާވާތަށް ފަހު ސޫކީ ވަނީ ހައްޔަރުކޮށްފަ އެވެ.

މުޒާހަރާތަކަށް މީހުން ނުކުތުމަށް ސޯޝަލް މީޑިއާގައި ހިތްވަރު ދޭ ކަމަށް ބުނެ މިއަންމާ އިން އިއްޔެ އިންޓަނެޓް ކަނޑާލި ނަމަވެސް މިއަދު ވަނީ ކޮންމެވެސް ވަރަކަށް ޚިދުމަތް ދޭން ފަށައިފަ އެވެ. އިންޓަނެޓް ކަނޑާލުމުގެ ކުރިން ވަނީ ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމް ބްލޮކް ކޮށްފަ އެވެ.

ސިފައިން ބަޣާވާތްކޮށްފައި ވަނީ ނޮވެމްބަރު މަހުގެ އިންތިޚާބު ސައްހަ ނޫން ކަމަށް ބުނެ އެވެ. އެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްފައި ވަނީ ސޫކީގެ ޕާޓީންނެވެ.

"އަހަރެމެންގެ ވޯޓަށް އިހުތިރާމް ކުރޭ،" ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުން ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން ހޯދި ކާމިޔާބީ އަށް އިޝާރާތްކޮށް ޔަންގޫންގެ މަގެއްގައި ދަމާފައިވާ ބެނާއެއްގައި ލިޔެފައިވެ އެވެ.

މުޒާހަރާތައް ހުއްޓުވަން މިއަންމާގެ ބޮޑެތި ސިޓީތަކުގެ މަގުތަކަށް ފުލުހުން ވަނީ ނުކުމެފަ އެވެ.