07 ފެބުރުއަރީ 2021 - 14:30

ވޫހާން (ފެބްރުއަރީ 7) - ކޮރޯނާވައިރަސް ފެތުރެމުންދާކަން އާއްމުންގެ ސަމާލުކަމަށް ގެނެސް، އެ ބަލީގެ މީހުންނަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ޗައިނާގެ ޒުވާން ޑޮކްޓަރުގެ ހަނދާންތައް އެތައް ހާސް ބަޔަކު އާކޮށްފި އެވެ.
ޑރ. ލި ވެންލިއާން މަރުވިތާ މިއަދު އެއް އަހަރު ފުރުނު އިރު ސޯޝަލް މީޑިއާގައި ވަނީ އޭނާގެ ހިތްވަރަށް ތައުރީފްކޮށް، ޑޮކްޓަރުގެ ހަނދާންތައް އެކި ގޮތްގޮތަށް އާކޮށްފަ އެވެ.
ޑރ. ލީ މަރުވީ ވޫހާންގެ ހޮސްޕިޓަލްގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދެމުން ދަނިކޮށް، ކޮވިޑް ޖެހިގެންނެވެ. ޑރ. ލީ ވަނީ ސާސް ކަހަލަ ބޮޑު ރޯގާއެއް ފެތުރެމުންދާ ކަމަށާއި އެ ރޯގާއާ މެދު އާއްމުން ސަމާލުވުމަށް އެތައް ގޮތަކުން އިލްތިމާސްކޮށްފަ އެވެ. އެކަމަކު އޭނާ ފުލުހަށް ހާޒިރުކޮށް ވަނީ ދޮގު ވާހަކަ ނުދެއްކުމަށް އިންޒާރުދީފަ އެވެ. އަދި ފަހުން ވަނީ ދޮގު މައުލޫމާތު ފަތުރާތީ އޭނާގެ މައްސަލަ ތަހުގީގު ވެސް ކޮށްފަ އެވެ. މީގެ ބަރާބަރު އެއް އަހަރު ކުރިން ލީ މަރުވި ޚަބަރާ އެކު އެތައް ބަޔަކު ވަނީ ހިތާމަކޮށްފަ އެވެ. އަދި ޗައިނާ ސަރުކާރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުކުރި އެވެ.
ބަލީގައި ޗައިނާގެ ހޮސްޕިޓަލްތައް ފުރެމުން ދިޔަ ނަމަވެސް ޗައިނާ ސަރުކާރުން ވަނީ އެކަން ސިއްރު ކުރަން މަސައްކަތްކޮށްފަ އެވެ.
ޑރ. ލީ އަކީ ވޫހާންގެ ހޮސްޕިޓަލްގެ ލޮލުގެ ޑޮކްޓަރެކެވެ.
ވޫހާން ސިޓީން ޑިސެމްބަރު 2019 ގައި ފެނުނު ކޮރޯނާވައިރަހަށް މިހާތަނަށް 106 މިލިއަން މީހުން ޕޮޒިޓިވްވެ 2.3 މިލިއަން މީހުން މަރުވެފައިވެ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 88 މިލިއަން މީހުންނެވެ.