08 ނޮވެމްބަރ 2016 - 19:58

ބަޣުދާދު (ނޮވެމްބަރު 8) - އިސްލާމިކް ސްޓޭޓް (އައިއެސް) ބާރުގެ ދަށުން މޫސަލް ހިފުމަށް މިހާރު ކުރިއަރަމުންދާ އިރާގު ސިފައިންގެ ލަޝްކަރަށް ބޮޑު ކަށްވަޅެއް ފެނިއްޖެ އެވެ.
ހައްމާމު އަލް އަލީލް ޓައުނުގެ ދަނޑުވެރިކަމާ ބެހޭ ކޮލެޖެއްގެ ތެރޭން ފެނުނު ކަށްވަޅުން ބޯކަނޑާލައިގެން ވަޅުލާފައިވާ 100 މީހެއްގެ ހަށިގަނޑު އިރާގު ސިފައިންނަަށް ވަނީ ފެނިފަ އެވެ. ވަޅުތަކުގައި ހުރީ މަސްތަކުން ދޫވެފައިވާ ކަށިތަކެއް އެކަންޏެވެ. އެހެންވެ އެއީ އާއްމުން ކަމެއް ނުވަތަ ސިފައިން ކަމެއް ނޭނގެ އެވެ. އިރާގު ސިފައިންނަށް ކަށްވަޅު ފެނިފައި ވަނީ އާދަޔާޚިލާފު ގަދަ ވަހެއް ދުވާތީ ބެލުމުންނެވެ.
އައިއެސް އިން ވަރަށް ގިނައިން އެއް ފަހަރާ މީހުން މަރާ ކަމަށް އިރާގު ސިފައިން ބުނެފައިވެ އެވެ. އަދި ކަށްވަޅު ފެނުނު ސަރަހައްދުގައި ވެސް އައިއެސް އިން ދާދި ފަހުން ގަތުލްއާއްމެއް ހިންގާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފައިވެ އެވެ.
މޫސަލް ވެރިރަށުގެ ގޮތުގައި އޮންނަ ނިނެވާހު ޕްރޮވިންސްގެ ކައުންސިލް މެންބަރު އަބްދުލް ރަހުމާން އަލް ވައްގާ ވިދާޅުވީ ދަނޑުވެރިކަމާ ބެހޭ ކޮލެޖަކީ އައިއެސް އިން މީހުން މަރަން ބޭނުން ކުރި ތަނެއް ކަމަށެވެ.
މޫސަލް އިން އައިއެސް ފައްސާލުމުގެ ހަނގުރާމަ އިރާގު ސިފައިން ފެށީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.
އައިއެސް އިން 2014 ވަނަ އަހަރު އިރާގުގެ އެކި ތަންތަން ހިފަމުން ދިޔަ އިރު އިރާގު ސިފައިންގެ ގިނަ ބަޔަކު ވެސް މެރި ކަމަށްވެ އެވެ.