08 ފެބުރުއަރީ 2021 - 09:12

ސިއްހީ އެތައް މައްސަލައެއްގެ ތެރޭގައި އުޅެމުން އަންނަ އައްބާސް ދޮންމަނިކު، ސޯޝަލް ސެންޓަރުގެ ކިޔޫގައި ހުރީ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ވެކްސިން ޖެހުމުގެ އުއްމީދުގަ އެވެ. އުމުރުން 67 އަަހަރުގެ އައްބާސް ގަބޫލުކުރަނީ މި ބަލިމަޑުކަމުން އޭނާ އާއި އެހެން މީހުންނަށް ވެސް އަރައިގަނެވެން އޮތީ ވެކްސިން ޖަހައިގެން ކަމެވެ.

"މި ނުޖަހައި ނެތް [ކޮވިޑުން] ސަލާމަތްވާކަށް. ރައްކާތެރިކަން އޮތީ މި [ވެކްސިން] ޖަހައިގެން،" އަންހެނުންނާ އެކު ވެކްސިން ކިޔޫގައި ހުރި އައްބާސް ބުންޏެވެ.

"އިތުބާރުކޮށްފައި ވެކްސިން ޖަހަން ނިންމީ."

އައްބާސް އާއި އޭނާގެ އަންހެނުން ހިމެނެނީ އިއްޔެއާ ހަމައަށް ރާއްޖޭގައި ކޮވިޑް ވެކްސިން ލިބުނު 6،800 އަށް ވުރެ ގިނަ މީހުންގެ ތެރޭގަ އެވެ. އޮކްސްފަޑް އާއި އަސްޓްރަޒަނެކާ ގުޅިގެން ތައްޔާރުކުރި އަދި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި "ކޮވިޝީލްޑް" ވެކްސިން، މިދިއަ ހޯމަދުވަހު ރާއްޖޭގައި ދޭން ފެށި ފަހުން ސިއްހީ އިދާރާތަކުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މި ވަގުތު ވެސް ކޮވިޑް ބަލީގެ 2،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އަދި މިހާތަނަށް 55 މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ. ބަލިމަޑުކަމުގެ މިހާރުގެ ހާލަތު ސިފަކުރަނީ ތިން ވަނަ ރާޅެއްގެ ގޮތުގަ އެވެ. ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އުޅެނީ 100 އިން މަތީގަ އެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަައް އަންނަނީ ވަރުގަދަކުރަމުންނެވެ.
މި ކަހަލަ ނުރައްކާތެރި އަދި އަވަހަށް ފެތުރިގެންދާ ބަލިމަޑަކަމަކުން އެންމެ ފަސޭހައިން ސަލާމަތްވެވެން އޮތީ ވެކްސިނުންނެވެ. ދިވެހިންނަކީ ވެކްސިނާ ވަރަށް ގާތް ބައެކެވެ. ސޯޝަލް މީޑިއާގެ ރަން ޒަމާނެއްގައި، ވެކްސިނާ މެދު ތަފާތު ހިޔާލުތައް ފާޅުކުރިޔަސް، ކޮވިޑް ވެކްސިން ޖަހަން މިހާރު ވެސް އެތައް ހާސް ބަޔަކު ވަނީ ނަން ނޯޓުކޮށްފަ އެވެ.
ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާއި ފުއްޕާމޭގެ މައްސަލައަށް ވެސް ބޭސްކުރަމުން އަންނަ އައްބާސް ބުނި ގޮތުގައި، ކޮވިޑްގެ ހައި ރިސްކް މީހަކަށް ވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހުނެވެ. އެ ފިޔަވަޅުތަައް މިހާތަނަށް ވަރަށް ކާމިޔާބު ކަމަށް ބުނަމުން އޭގެ ހެއްކަކަށް ދެއްކީ އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ކޮވިޑް ޖެހިފައިނުވުމެވެ،
އައްބާސް ބުނީ އޭނާ ވެކްސިން ޖަހަން ގޮސް ހުރީ އަމިއްލައަށް އެކަން ބޭނުންވެގެން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އިތުރު އުމުރުފުރާތަކަށް ވެކްސިން ޖަހަން ހުޅުވާލުމުން، އޭނާގެ ދަރިން ވެސް ވެކްސިން ޖަހަން އަވަހަށް ފޮނުވާނެ ކަމަށް ބުންޏެވެ.
ބަލިން ރައްކާތެރިވުމަށް އަބަދުވެސް ދެމުން އަންނަ އިރުޝާދަކީ ގިނަގިނައިން އަތް ދޮވުމާ އެކު ގައިދުރުކަން ބެހެއްޓުމެވެ. ބަލި ފެތުރެން ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އައްބާސް އަމަލުކުރަމުން އަންނަނީ އެގޮތަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު މި ފެންނަނީ ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރުމުގެ ނަތީޖާ އެވެ.
"ބޭރަށް ނުކުމެ، ގެއަށް ވަންނަ ކޮންމެ ފަހަރަކު އަތް ދޮވެ، ސެނެޓައިޒްކޮށް ފޯނު ވެސް ސާފުކުރަން،" ޖީބުގައި އޮތް ސެނެޓައިޒާ ފުޅި ދައްކާލަމުން އައްބާސް ބުންޏެވެ.
މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުން އަންނަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ހިދުމަތްތެރިންގެ އިތުރުން 55 އަހަރުން މަތީގެ މީހުންނަށެވެ. ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް، ދެން ތިބި މީހުންނަށް ވެސް ވެކްސިން ޖަހަން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.
ވެކްސިން ކިއޫގައި މަޑުކޮށްގެން ހުރި 63 އަހަރުގެ އަންހެނަކު ބުނީ ކޮވިޑްގެ ސަބަބުން ފާއިތުވެގެން ދިޔައީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ. އަދި އަމިއްލައަށް ބޭނުންވެގެން ވެކްސިން ޖަހަނީ އެކަމުގެ ތެދު މައުލޫމާތު ހޯދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"މިކަމުން ސަލާމަތްވާން ބޭނުން ވީހާ ވެސް އަވަހަކަށް،" ވެކްސިން ޖަހަން ފަސްޖެހި، މަޑުކޮށްގެން ތިބި މީހުންން ވެސް ވީހާވެސް އަވަހަކަށް ވެކްސިން ޖަހަން ދާން ބާރުއަޅަމުން އޭނާ ބުންޏެވެ.
ކިއޫގައި ހުރި 61 އަހަރުގެ ފިރިހެނަކު ވެސް އެދެނީ ކޮވިޑުން ސަލާމަތްވާން ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށެވެ. މިހާރު ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނީ އޭރުން ކަން އޭނާ ފާހަގަކުރި އެވެ.
"ބިރުނުގަނެ ވެކްސިން ޖަހާށޭ، ރައްކާތެރިވާށޭ. މި ކަމުން ސަލާމަތްވާނީ ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައިގެން،" އޭނާ ބުންޏެވެ.
ފޮރިން މިނިސްޓްރީގައި ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި އަދި ރައްޔިތުންގެ މަޖިލިހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ޝަހީދު ޒަކީ ވަނީ އިއްޔެ ވެކްސިން ޖައްސަވައިފަ އެވެ. ވެކްސިން ޖެއްސެވުމަށް ފަހު، ރަސްފަންނުގައި ހުރި ކުޑަ ފިހާރައަކަށް ވަޑައިގެން ކޮފީއެއް ބައްލަވައިގަތެވެ. އޭގެ ފަހުން "މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަހީދު ޒަކީ ވިދާޅުވީ ވެކްސިނުން "އެއްވެސް އުނދަގުލެއް ނެތް" ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނާތީ، އޭނާ އެދިވަޑައިގަތީ ދިވެހިން ވެސް މި ފުރުސަތުގެ ބޭނުން ހިފުމަށެވެ.
"ޔަގީންކަން އެބަ ލިބޭ [ވެކްސިން ޖެހީމަ] ހޮސްޕިޓަލުގައި އެޑްމިޓުކުރުމުން ދުރުކޮށްދޭކަން. ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމުގެ ބޭނުން ހިފަންވީ،" ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަވަން އަބަދުވެސް މަސައްކަތްކުރައްވާ ޝަހީދު ޒަކީ، 58، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ސަބަބުން އެތައް ބަޔަކަށް އެތައް ގޮތަކުން އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ އާއްމު ދިރިއުޅުމަކަށް ހާލަތު ބަދަލުވާން ވެކްސިން ޖަހަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވެކްސިން ޖަހަން ގިނަ ބަޔަކު އިއްޔެ ވެސް ކިއޫގައި ތިއްބެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެކްސިން ޖަހަން ދާ މީހުންގެ އަދަދު ގިނަވާނެ އެވެ. ސިއްހީ ދާއިރާގެ ފަރާތްތަކުން އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. މިހާރު އޯޑަރު ދީފައިވާ ވެކްސިން ލިބޭ އިރަށް މުޅި ރާއްޖެއަށް، މި ވެކްސިން ޕްރޮގްރާމް ފެތިރިގެންދާނެ އެވެ. މިހާރު ވެކްސިން ދެމުން އަންނަނީ މާލޭ ސަރަހައްދުގެ ހަ ސެންޓަރަކާއި އެކި ރަށްރަށުގައި ހުރި 14 ސެންޓަރަކުންނެވެ.
އިންޑިއާ ސަރުކާރުން ހިލޭ ދިން "ކޮވިޝީލްޑް" 100،000 ޑޯޒް ރާއްޖެއަށް ލިބިފައިވެ އެވެ. މިއީ ދެ ޑޯޒް ދޭން ޖެހޭ މި ވެކްސިންގައި 50،000 މީހުން ބަލިން ރައްކާތެރިކޮށްދޭނެ މިންވަަރެކެވެ.