މާސްކް ނާޅާ ނަމަ ހުރިހާ ރަށެއްގައި ވެސް މިއަދުން ފެށިގެން ޖޫރިމަނާކުރާނެ
މާސްކް ނާޅާ ނަމަ ހުރިހާ ރަށެއްގައި ވެސް މިއަދުން ފެށިގެން ޖޫރިމަނާކުރާނެ

ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިއަދުން ފެށިގެން މާސްކް އެޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޮތީ މަޖުބޫރުކޮށްފަ އެވެ. މި އެންގުމަށް އަމަލު ނުކުރާ ނަމަ ޖޫރިމަނާ ވެސް ކުރާނެ އެވެ.

މާސްކް ނާޅާ ނަމަ ހުރިހާ ރަށެއްގައި ވެސް މިއަދުން ފެށިގެން ޖޫރިމަނާކުރާނެ
މާސްކް ނާޅާ ނަމަ ހުރިހާ ރަށެއްގައި ވެސް މިއަދުން ފެށިގެން ޖޫރިމަނާކުރާނެ

މާސްކް އެޅުން ކުރިން މަޖުބޫރުކުރީ މާލޭގައި އެކަންޏެވެ. އެކަމަކު މިއަދުން ފެށިގެން ރަށްރަށުގައި ވެސް މާސްކް ނާޅާ އާއްމުންގެ ތެރެއަށް ނުކުތުން މަނާކުރީ ކޮވިޑުގެ އާ ވޭރިއަންޓާ އެކު މާލޭގައި ކޮވިޑް ފަސް ގުނަ ބާރަށް ފެތުރޭތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުންނެވެ.

މާސްކް އެޅުން ރަށްރަށުގައި މަޖުބޫރުކޮށް ނެރުނު އިއުލާނުގައި އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން އެ އުސޫލަށް އަމަލުނުކޮށްފި ނަމަ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މާސްކް ނާޅާ ނަމަ ޖޫރިމަނާ އަކީ 1،000ރ. އެވެ.

ފުލުހުން ނުތިބޭ ރަށްރަށުގައި، މާސްކް އަޅާތޯ ބަލައި އެކަން ތަންފީޒުކުރުމުގެ ބާރު ދީފައި ވަނީ ކޮވިޑާ ގުޅިގެން އެ ރަށެއްގައި އެކުލަވާލާފައި އޮންނަ ޓާސްކްފޯހަށެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާސްކް އެޅުން އިސްތިސްނާވާނީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ މީހުން ކަސްރަތު ކުރާ ވަގުތާއި އެހެން މީހެއްގެ އެހީއާ ނުލައި މާސްކް އަޅައި ނުނެގޭ މީހުންގެ އިތުރުން ކެފޭތަކުން ޚިދުމަތް ހޯދާ ވަގުތު އެކަންޏެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް 140 އަށް ވުރެން ގިނަ މީހުން އެބަތިއްބެވެ. އެކަމަކު އެއްވެސް ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ. ޕޮޒިޓިވް ކޭސްތައް ގިނައިން ފެންނަނީ ކަރަންޓީން 10 ދުވަސް ނިންމައި ހަދާ ޕީސީއާރު ޓެސްޓުންނެވެ.

މި ބަލި ޖެހިފައިވާ 2،046 މީހުން ރާއްޖޭގައި ތިބިއިރު 193 މީހުންނަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ. މި ބަލީގައި ރާއްޖެ އިން ވަނީ 54 މީހުން މަރުވެފަ އެވެ.