ހިތަދޫ ކްލަސްޓާ: ތިނަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް
ހިތަދޫ ކްލަސްޓާ: ތިނަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

އައްޑޫ ހިތަދޫ ކޮވިޑު ކްލަސްޓާގެ މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި ގދ. ތިނަދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ތިނަދޫ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބުނީ އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި މީހަކު އެ ރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 7934641 އަށް ގުޅައި ހިއްސާކޮށް ދިނުމަށް އެދިފައި ވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތިނަދޫ މޮނިޓަރިންނަށް ލާފައިވާ ކަމަށެވެ. އެހެންވެ އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ތިނަދޫގައި މިހާރު ކުރިއަށް ގެންދަނީ ކޮންޓެކްޓު ޓްރޭސިން ހެދުމެވެ.

ހިތަދޫން ކޮވިޑުގެ ދެ ކޭހެއް ފެނިގެން އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ހިތަދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެއީ، މާލެ އިން ދިޔަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދެ މުވައްޒަފަކާ ކޮންޓެކްޓުވި ބައެކެވެ.

އެ ކްލަސްޓާއިން މުޅި ޖުމުލަ ފަސް މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެންމެ ފަހުން ޕޮޒިޓިވްވީ ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މީހެކެވެ.

ހުޅުމީދޫގައި ހުންނަ އެމްޓީސީސީގެ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކޮވިޑަށް ޕޮޒިޓިވްވެގެން މީގެ ކުރިން އެ ރަށް ވަނީ މޮނިޓަރިންނަށް ލައިފަ އެވެ. އެކަމަކު، އޭގެ ފަހުން މުޅި އައްޑު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެ ދެެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފަ އެވެ.