07 ފެބުރުއަރީ 2021 - 09:32

މެޑްރިޑް (ފެބްރުއަރީ 7) - ސްޕެނިޝް ލީގުގެ ތާވަލުގެ ފުލުގައި އޮތް ހުއެސްކާގެ މައްޗަށް ރޭ ފަހަތުން އަރައި 2-1 އިން ކުރިހޯދައި ރެއާލް މެޑްރިޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ލީގުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މޮޅާ އެކު ރެއާލް ދެ ވަނަ އަށް ޖެހިލީ 21 މެޗުން 43 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ދެ ވަނައިގައި އޮތް ބާސެލޯނާ ހަތަރު ވަނަ އަށް ވެއްޓުނީ ރޭ ސެވިއްޔާ ކުޅުނު މެޗުން 3-0 އިން ގެޓަފޭ އަތުން މޮޅުވުމުންނެވެ. ސެވިއްޔާ އަށް 21 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ބާސެލޯނާ އަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.
ކޮވިޑް-19 އިން ރަނގަޅުވެ ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމުގެ ބެންޗަށް އައި މެޗުގައި ވެސް ފުރަތަމަ ގޯލު ޖެހީ އިދިކޮޅު ޓީމުންނެވެ. ހުއެސްކާ އަށް މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ލީޑުނަގައިިދިނީ ގިލް އެވެ. ރެއާލް ކޮޅަށް ރޭގެ މެޗުގެ ނަތީޖާ އަނބުރާލައި ދިނީ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ވަރާން ވަނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ވަރާން، ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ.
މި ނަތީޖާއާ އެކު ޒިދާނަށް އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. ޒިދާން ބުނީ މޮޅުވުމުން ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އޭނާ ބޭނުންވި ވަރުގެ ކުޅުމެއް ނުފެނުނު ކަމަށެވެ.
ޒިދާން ވަނީ ރެއާލް އަދިވެސް ލީގުގެ ރޭހުގައި އެބައޮތް ކަމަށް ބުނެފަ އެވެ. އެކަމަކު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އެއް ވަަނައިގައި އޮތް އެތުލެޓިކޯ އެ ވަރުގެ ލީޑެއްގައި އޮއްވައި އެހެން ޓީމަކަށް ލީގު ހޯދުމަކީ ވަރަށް އުނދަގޫ ކަމަަކަށްވާނެ ކަމަށެވެ.